"މިނިވަންކުރޭ މިނިވަންކުރޭ" ނަމުގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖެއް ބާއްވަން ނިންމައިފިއެވެ.

މި އިހުތިޖާޖަކީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން މިނިވަން ކުރަން ގޮވާލާ ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ. މި އިހުތިޖާޖު ކުރިއަށްދާނީ މާދަމާ ރޭ ކަމަށް އެޕާޓީން ބުނެއެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ހައްޔަރުކުރިއެވެ. މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ބަޔަކު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވިދާޅުވީ މުހައްމަދު އިސްމާއީލް އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައިވެސް ނުވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރުކޮށްގެން އުޅެނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ