ސްޓެލްކޯއިން މިއަހަރު ހިންގަން ހުރި މަޝްރޫއުތައް އަންނަ އަހަރަށް ފަސްކުރުމަށް، އެ ކުންފުނީގެ ބޯޑަށް ހުށަހަޅުއްވާނެ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް، އެސްޓީއޯއިން ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދޭ އަގަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، އެ ކުންފުންޏަށް ތެޔޮ ލިބެނީ ފްލެޓް ރޭޓެއްގައި ކަމަށެވެ.

އެހެން އެކަން ވަނީ ސަރުކާރުން ތެލަށް ސަބްސިޑީ ދޭތީ ކަމަށާއި، އެހެންކަމުން ކަރަންޓުގެ އަގު އެއް ރޭޓެއްގައި ހިފެހެއްޓިފައި ހުންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ތެލުގެ އަގަށް ބަދަލު އައުމުން އާންމު ގޮތެއްގައި ގިނަ ގައުމުތަކުގައި ކަރަންޓުގެ އަގަށް ބަދަލު އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ރާއްޖޭގަ ހަގީގަތުގަ ސަރުކާރުގެ ފަރާތުން ސަބްސިޑައިޒް ކޮށްދެއްވާތީވެ އަޅުގަނޑުމެންނަށް ކަރަންޓުގެ އަގު އެއް ރޭޓެއްގަ އާންމު ރައްޔިތުންނާ ހަމައަށް މި ފޯރުކޮށްދެވެނީ."

ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ބާޒާރުގައި ތަކެތީގެ އަގުބޮޑުވެފައިވާ މި ދަނޑިވަޅުގައި އެކަމުގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. އެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ބެލުމަށް ފަހު، ސްޓެލްކޯގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ

ވުމާއެކު، ސްޓެލްކޯއިން މި އަހަރަށް ބަޖެޓްގައި ހިމެނި މަޝްރޫއުތައް އަންނަ އަހަރަށް ބަދަލު ކުރުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅައި، ބަޖެޓް މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރު ބޯޑަށް އެބަ ހުށަހަޅަން މިފަހަރުގެ އަޅުގަނޑުމެން ބަޖެޓްކުރި ބައެއް ޕްރޮޖެކްޓްސްތައް އިހަށް މި އަންނަ އަހަރަށް ބަދަލުކޮށް އަދި މިއަހަރުގެ ހަރަދު ކުޑަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް."

އޭގެ އިތުރުން ޝަރީފް ވިދާޅުވީ:

  • ސްޓެލްކޯ އިންޖީނުގޭގެ ދުން ހޮޅިތައް އުސްކުރެވެން ނެތް ކަމަށް
  • އެކަން އެހެން ވަނީ ދުން ހޮޅިތައް ފަރުމާކޮށްފައިވާ ގޮތުންނާއި ކުރިން އުފައްދާފައިވާ ތަކެއްޗަށް ވާތީ ކަމަށް
  • އެ ދުން ހޮޅިތައް ނެގުމަށްފަހު އާ ދުން ހޮޅި ޖެހުމަކީ ހަރަދު ބޮޑު މަސައްކަތެއް ކަމަށް

އެހެންކަމުން، އާންމުންނަށް އުނދަގޫވާ ހިސާބުގައި ހުރި ޖަނަރޭޓަރުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ރާވަމުންދާ ކަމަށާއި، އިންޖީނުގެ އަޑު މަޑު ކުރުމަށް ވެސް މަސައްކަތްތައް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެ ޕްލާންޓްތަކަކީ ވަރަށް ކުރިން އުފައްދާފައި ހުރި ޕްލާންޓްތަކަކަށްވާއިރު އެއީ ސައުންޑް ޕްރޫޕް ތަކެއްޗެއް ނޫން. ދުން ހޮޅިތައް ވެސް ހުރީ އިމާރާތެއްގެ ތިންވަނަ ފަންގިފިލާ އަކާ އެއްހަމައެއްގައި. އެހެންކަމުން ދުމުގެ އަސަރު އެބަކުރޭ އެކަން ހައްލުކުރުމަށް ބައެއް އިންޖީނުތައް ވަނީ އެ ސަރަހައްދުން އެހެން ތަންތަނަށް ބަދަލުވެސް ކޮށްފައި."

ޝަރީފް ވިދާޅުވި ގޮތުގައި ދުމުގެ އަސަރުކުރާ އިންޖީނުތައް ނުހިންގި ނަމަވެސް، ހުޅުމާލޭގެ ފިފްތް ޕަވާ މަޝްރޫގެ 50 މެގަވޮޓުން ލިބޭ ކަރަންޓުން މާލެއަށް ކަރަންޓު ދިނުމަށް ދައްޗެއް ނުވާނެއެވެ.

ސްޓެލްކޯގެ އިންޖީނުގެތަކުން ބޭރުވާ ދުމާއި ވަހުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މަޖިލިހުން ރިޕޯޓެއް އެކުލަވާލިއިރު، ހަތް ކަމެއް ކުރުމަށް އެ ކުންފުންޏަށް ވަނީ އަންގައިފައެވެ. އެ ކަންތައްތަކަކީ:

  • ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުން
  • ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާ އެކު ދުންހޮޅިތައް އުސްކުރުން
  • އިންޖީނުގެ ހުންނަ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުން
  • ސްޓެލްކޯގެ އިންޖީނުގެތައް ހިންގަނީ ގަވަޢިދާ އެއްގޮތައްތޯ ބަލަން ޔޫޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން
  • ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދެނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މުވައްޒަފުން ތަމްރީނު ކުރުން
  • ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން