އަވަށްޓެރި ސްރީލަންކާގައި ހުސްވެފައި ވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ވޯޓު ކާމިޔާބު ކުރައްވާ، ސްރީލަންކާގެ ރައީސް ކަމުގެ މަގާމު، ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރަނީލް ވިކްރަމަސިންހަ ކަށަވަރު ކުރައްވައިފިއެވެ.

އެމްޕީ ދުއްލާސް އަލަހަޕެއްރުމާއާ ވާދަ ކުރައްވާ، ސްރީލަންކާގެ ރައީސް ކަމުގެ މަގާމު ވިކްރަމަސިންހަ ކާމިޔާބު ކުރެއްވީ 134 މެންބަރުންގެ ތާއީދާއެކުގައެވެ. އެމްޕީ އަލަހަޕެއްރުމާއަށް ލިބިވަޑައިގަތީ 82 ވޯޓެވެ. ނަމަވެސް ވިކްރަމަސިންހައަކީ ސްރީލަންކާގެ އާންމުންގެ މެދުގައި މަގުބޫލުކަން ގެއްލިފައިވާ ސިޔާސީ ޝަހްސެއް ކަމަށް މީޑިއާއިން ސިފަ ކުރެއެވެ.

ސްރީލަންކާގެ ގިނަ ބަޔަކު ދަނީ ވިކްރަމަސިންހަގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި ވިކްރަމަސިންހައަކީ ސްރީލަންކާގެ ސިޔާސީ މަސްރަހަށް ވަރުގަދަ ނުފޫޒެއް ފޯރުވި ރާޖަޕަކްސަ ހާންދާނުގެ ހިޔަނީގައި މަސައްކަތް ކުރެއްވި ލީޑަރެކެވެ.

މަޖިލީހުގެ ވޯޓުން އައްޔަން ކުރައްވާ ރައީސަކު ފުރިހަމަ ކުރައްވާނީ ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަބާޔާ ރާޖަޕަކްސަގެ ދައުރުން ބާކީ އޮތް ދުވަސްތަކެވެ. އެ ދައުރު ހަމަވާނީ 2024 ގައެވެ.

ރަނީލް ވިކްރަމަސިންހައަކީ ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ތަޖުރިބާކާރު ޝަހްސެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު، 6 ދައުރެއްގެ މަތިން އަދާ ކުރައްވާފައެވެ.

ރައީސް ކަމުގެ މަގާމު ކަށަވަރު ކުރެއްވުމަށް ފަހު ވިކްރަމަސިންހަ ވަނީ ހުރިހާ ސިޔާސީ ޕާޓީއަކާއެކު މަޝްވަރާ ކުރިއަށް ގެންދެވުމަށް ތައްޔާރަށް ހުންނެވި ކަމަށާ، މާދަމާ މަޝްވަރާތައް ފައްޓަވަން ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ޗޭމްބަރުގައި މަގާމުގެ ހުވާ ކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސް ހޮވުމަށް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި 223 މެންބަރުން ވޯޓުދެއްވިއެވެ. 2 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 4 ވޯޓެއް ބާތިލު ކަމަށް ވަނީ ކަނޑައަޅާފައެވެ.