ސްރީލަންކާގައި ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް، މައި އިދިކޮޅު ސިޔާސީ ލީޑަރު ސަޖީތު ޕްރޭމަދާސަ، ކެންޑިޑަސީ ދޫކޮށްލައްވައިފިއެވެ.

ޖުލައި 20 ވަނަ ދުވަހު މަޖިލީހުގައި ވޯޓަށް އެހުމަށް މިއަދު 3 ކެންޑިޑޭޓުންގެ ނަން ފައިނަލްކޮށްފައި ވަނިކޮށް، ސަޖީތު ކެންޑިޑަސީ ދޫކޮށްލައްވާފައި ވަނީ، ވާދަވެރި ކެންޑިޑޭޓް އެމްޕީ ދުއްލާސް އަލަހަޕެއްރުމާއަށް ތާއީދު ކުރައްވާ، ވަގުތީ ރައީސް ރަނީލް ވިކްރަމަސިންހަ ބަލި ކުރެއްވުމުގެ ނިޔަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއަށް ރައީސަކު އައްޔަން ކުރުމަށް މަޖިލީހުގައި ވޯޓުލުން ކުރިއަށް ގެންދިއުމާ ދިމާކޮށް، ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުންގެ ގުރޫޕުތަކުން ދަނީ، ވިކްރަމަސިންހަގެ ކެންޑިޑަސީއާ ދެކޮޅަށް މުޒާހަރާ ކުރުމަށް ތައްޔާރު ވަމުންނެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ވިކްރަމަސިންހަ ސިފަ ކުރަނީ، ގައުމުން ފިއްލަވާ މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ބައިވެރިއެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި ސަޖީތު ވިދާޅުވީ، ރައީސް ކަމަށް ވާދަކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތު ދޫކޮށްލައްވަން ނިންމެވީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކާކަމަށެވެ. އޭނާގެ ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ)އާއި އެ ޕާޓީގެ އިއްތިހާދީ ޕާޓީތަކާއި އިދިކޮޅު ޕާޓްނަރުން ދެން މަސައްކަތް ކުރާނީ، އެމްޕީ އަލަހަޕެއްރުމާއަށް ތާއީދު ހޯއްދަވާ ރައީސްކަން ކަށަވަރު ކޮށްދެއްވުމަށް ކަމަށްވެސް ސަޖީތު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ވަންނަވާފައި ވާ އެމްޕީ އަލަހަޕެއްރުމާއަކީ ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީގެ މެންބަރެކެވެ. އަދި ނުފޫޒު ގަދަ ރާޖަޕަކްސަ ހާންދާނުގެ ހިޔަނީގައިވެސް މަސައްކަތް ކުރެއްވި އެމްޕީއެކެވެ. ނަމަވެސް ވިކްރަމަސިންހައަށް ވުރެ އެމްޕީ އަލަހަޕެއްރުމާގެ މަގުބޫލުކަން ބޮޑު ކަމަށް ފެނެއެވެ.

ވިކްރަމަސިންހައާއި އަލަހަޕެއްރުމާއާއެކު ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރައްވާ 3 ވަނަ ކެންޑިޑޭޓަކީ ވާތު ފިޔައިގެ ޖަނާތާ ވިމުކުތީ ޕެރަމުނާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކައެވެ.

މަޖިލީހުގެ ވޯޓުން އައްޔަން ކުރައްވާ ރައީސަކު ފުރިހަމަ ކުރައްވާނީ ގޮތަބާޔާގެ ދައުރުން ބާކީ އޮތް ދުވަސްތަކެވެ. އެ ދައުރު ހަމަވާނީ 2024 ގައެވެ.