ސްރީލަންކާގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރަނީލް ވިކްރަމަސިންހައާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި އަސާސީ ހައްގުތަކާ ބެހޭ މައްސަލަ، އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރަނީލް ވިކްރަމަސިންހައަށް ހުންނެވިދާނެ ކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލާފައި ވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ފަނޑިޔާރުން ވިދާޅުވީ، މައްސަލަ ބޭރުކޮށްލާފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ގާނޫނީ ވަކީލުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

ރަނީލް ވިކްރަމަސިންހަގެ މަޖިލީސް މެންބަރުކަމާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެޓާނީ އެޓް ލޯ، ނާގަނަންދާ ކޮޑިތުވައްކޫއެވެ.

ކޮޑިތުވައްކޫ ހުށަހެޅި ދައުވާގައި ބުނެފައި ވަނީ، ޢަންމު އިންތިހާބުގައި ނާކާމިޔާބު ވެފައިވާ ކެންޑިޑޭޓަކަށް، ނޭޝަނަލް ލިސްޓުގެ ގޮނޑިއެއްގައި މަޖިލީސް މެންބަރުކަން ނުކުރެވޭނެ ކަމަށެވެ.

ނޭޝަނަލް ލިސްޓުގެ ދަށުން މަޖިލީސް މެންބަރުކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓުންގެ ނަންތަކަކީ އިންތިހާބު ނިމޭތާ ހަފުތާއެއްގެ ތެރޭގައި އިންތިހާބީ ކޮމިޝަނަށް ހުށަހަޅަންޖެހޭ ނަންތަކެއް ކަމަށާ، ނަމަވެސް، ރަނީލް ވިކްރަމަސިންހަގެ ނަން ހުށަހަޅާފައި ވަނީ އިންތިހާބު ނިމުނުތާ އެތައް މަހެއް ފަހުން ކަމަށް ކޮޑިތުވައްކޫ ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން، ނޭޝަނަލް ލިސްޓުގެ މެންބަރެއްގެ ގޮތުގައި ރަނީލް ވިކްރަމަސިންހަ މަޖިލީސް މެންބަރުކަން ކުރެއްވުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ކޮޑިތުވައްކޫ ވަނީ ވަކާލާތު ކޮށްފައެވެ.

ރަނީލް ވިކްރަމަސިންހަގެ ގާނޫނީ ވަކީލް، ޕްރެޒިޑެންޓްސް ކައުންސެލް ރޮނާލްޑް ޕެރޭރާ ވިދާޅުވީ، އޭނާ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބޭރު ކޮށްލާފައި އޮތުމުން، ރަނީލް ވިކްރަމަސިންހަގެ އަގު ވައްޓާލުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ދައުވާ ހުށަހެޅި ފަރާތުން "ކަންތައް ބޮޑު ކުރަނީ" ކަމަށާ، ހަގީގަތް އޮޅުވާލަން މަސައްކަތް ކޮށްފައި ވާ ކަމަށް ޕެރޭރާ ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ބޭރުކޮށްލުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މައްސަލައާ ގުޅޭ ހެކި ހުށަހަޅަމުން، ސްރީލަންކާގެ އެޓާނީ ޖެނެރަލްގެ އިދާރާއިންވެސް ވަނީ، އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ބުނެފައެވެ.

އެއާއެކު ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ، މައްސަލަ ކުރިއަށް ގެންދާނެ އިތުރު ޖާގައެއް ނެތް ކަމަށް ބުނެ، އިތުރު އަޑުއެހުމެއް ކުރިއަށް ނުގެންދާން ނިންމާ، މައްސަލަ ބޭރު ކޮށްފައެވެ.

މި ދަނޑިވަޅަކީ ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަ، ގައުމު ދޫކުރައްވާ ފިއްލެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެވެ. ޖުލައި 20 ވަނަ ދުވަހު ވޯޓުލުން ކުރިއަށް ގެންދަން ރާވާފައި ވާ އިރު، ރަނީލް ވިކްރަމަސިންހަވެސް ގެންދަވަނީ އެ މަގާމަށް ވާދަ ކުރައްވަމުންނެވެ.