ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރުން އިންތިހާ ދަރަޖައަކަށް އިތުރުވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ދައުލަތަށް އެކަށޭނަ ވަސީލަތްތައް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އަށް 132 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަކީ ބޮޑެތި ގޮންޖެހުންތައް ހުރި މަސައްކަތެއްކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ބޭނުންވާ އެކަށޭނަ ވަސީލަތްތައް ލިބުމުގައި ދަތިތައް އެބަހުއްޓެވެ. މިފަދަ ކިތަންމެ ގޮންޖެހުމެއް ހުރި ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ވިއުގަތައް ފުޅާވެފައި އޮތީ ކަންބޮޑުވާހާ ބޮޑު މިންވަރަކަށް. އަދި ރާއްޖޭގައި އޭގެ ވިޔަފާރިއާއި، އޭގެ ބޭނުންކުރުން ފުޅާވެފައި އޮތީވެސް އިންތިހާ ދަރަޖައަށް. ގޮންޖެހުން ކިތަންމެ ބޮޑު ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ބޭނުންވާ މައްސަލައެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގައި ކަސްޓަމްސްގެ ދައުރު ބޮޑު ކަމަށާއި، ނަމަވެސް އެ މައްސަލަ ހައްލުކުރެވޭނީ ހުރިހާ އިދާރާތަކެއް ގުޅިގެން ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރި ބައެއް ކަންކަމަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން:

  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކުލަވައިލި އެސްއޭޕީ ތަންފީޒު ކުރުމަށް، ކަމާގުޅޭ އިދާރާތަކަށް މިދިޔަ އަހަރު ހާއްސަ ބަޖެޓެއް ހަމަޖައްސާފައިވޭ
  • ކަސްޓަމްސްގެ ސަރަހައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ
  • އެ ހިދުމަތަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށްވެސް އެހީތެރިކަން ދެމުންދޭ

ނަތީޖާއެއްގެ ގޮތުން 2018 ނޮވެމްބަރުން ފެށިގެން މިހާތަނަށް 182 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެއީ އޭގެ ކުރީ ފަސް އަހަރަށް ވުރެ 32 ޕަސެންޓު އިތުރު އަދަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތި ޓްރެފިކްކޮށް، އެތަކެތިން ވިޔަފާރިކުރާ މައްސަލައަކީ ރާއްޖޭގައި ބޮޑު، އަދި ހައްލުކުރެވިފައި ނުވާ މައްސަލައެކެވެ. މީގެ ކުރިން ކުދި ޕެކެޓުތަކުގައި މަސްތުވާތަކެތި އެތެރެކުރި ނަމަވެސް، ފަހަކަށް އައިސް ކިލޯ ކިލޯގެ މަސްތުވާތަކެތި އަތުލައިގަންނަ އަދަދު ވަނީ އިތުރުވެފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި އިވެންޓެއްގައި ފުލުހުން ވަނީ ކަރުދާސް ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލައިފައެވެ.

އެކަމުގައި ގޮންޖެހުން ހުރިކަން ފާހަގަކޮށް، ފުލުހުން ބުނީ އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތް ކަމަށެވެ. ނަމަވެސް ހައި ރިސްކް ގައުމުތަކުން އެތެރެކުރާ ފޮށިތައް ބަލަމުންދާ ކަމަށާއި، އެއާ އެކު ވެސް ބައިވަރު ފޮށިތައް އެތެރެކުރާތީ މަސްތުވާތަކެތި އަތުލުމުގައި ގޮންޖެހުން ހުރި ކަމަށް، ފުލުހުން އޭރު ބުންޏެވެ.