14 އަަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެލި ވަނީ ލިބިފައި ވާ ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

ކ. ދިއްފުށީގައި އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކަށް އަނިޔާކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ތަހުގީގު ކުރަމުން ދާ އިރު، އެ މައްސަލައިގައި ތުހުމަތުވާ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމުގެ ހެކި ލިބިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ޖިންސީ ގޯނާގެ މައްސަލައިގެ އިތުރުން އެކަމާ ގުޅިގެން ކ. ދިއްފުށީގައި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުމާ ގުޅޭ މައްސަލަތައް ބަލާ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ވަނީ ގއ ވިލިނގިއްޔަށް ނިސްބަތްވާ، މުހައްމަދު ޝިހާމް (35އ) އަށެވެ. އޭނާ ދިއްފުއްޓަށް ދިޔައީ އޭނާގެ އަންހެނުން އެ ރަށު މީހަކާ ކައިވެނިކޮށްގެން ލިބިފައިވާ 3 ކުދިން ގޮވައިގެން، އެ ކުދިންގެ ދައްތަ ދިން ދައުވަތަކަށް ކަމަށް އާއިލާއިން ބުނެއެވެ.

ޖިންސީ ގޯނާގެ މައްސަލަ އެ ރޭ ފެންމަތިވެ އެރަށު ބަޔަކު ވަނީ ޝިހާމްގެ ގައިގައި ތަޅާ އަނިޔާކޮށްފައެވެ. އަދި އޭނާ ފަރުވާއަށް ދިއްފުށީ ސިއްހީ މަރުކަޒަށް ވެއްދުމުން، އެއްވެފައި ތިބި މީހުންގެ ތެރެއިން ބަޔަކު އެތާ އެތެރެއަށް ވަދެ ކަރަންޓް ކަނޑާލައި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހަރަކާތްތެރި ވި ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެ މައްސަލަވެސް ބަލަމުން ދާއިރު މީހަކު ހައްޔަރުވެސް ކޮށްފައި ވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ފުރަތަމަ މަސައްކަތް ކުރީ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކައިގެން ކަމަށެވެ. ނަމަވެސް އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ތަކުރާރުކޮށް ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ސަފު ފޫއަޅުވާލައި ސިއްހީ މަރުކަޒުތެރެއަށް ވަދެގަނެ، އެތަނުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން، ޖިންސީ ގޯނާގެ ތުހުމަތު ވާ މީހާއަށްވެސް ހަމަލާ ދީފައި ވާ ކަމަށެވެ.

އަދި އެތަން ކޮންޓްރޯލް ކުރީ މާލެއިން ފުލުހުން ގޮސްގެން ކަމަށްވެސް ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާއަށް 10 ދުވަހުގެ ބަންދެއް ޖަހާފައި ވާކަމަށް ފުލުހުން ބުނެއެވެ.

ކ. ދިއްފުށީގައި މިހިނގި ހާދިސާއާ ގުޅިގެން އަނިޔާވި މީހާ އާއި އޭނާގެ އާއިލާއިން ބުނަނީ، މުޅިން އެހެން ވާހަކަ އެކެވެ. އެމީހުން ބުނަނީ ތުހުމަތު ވާ މީހާ އެފަދަ ކަމެއް ނުކުރާ ކަމަށެވެ. އަދި އޭނާ އެވާހަކަ ކިޔައިދީ އާންމުކޮށްފައި ވާ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

ފުލުހުން އިތުރަށް ބުނީ އަނިޔާވި މީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޓީމުގެ ތެރޭގައި ހިމެނޭ ފުލުހަކު، އޭނާގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ، އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފައި ވާތީ، އެކަމާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ ފުލުހުގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އަދި މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުބަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ މުައްސަސާތަކަށް އަންގައިގެން އޮންނަ އުސޫލުން ކުރުމަށެވެ.