ޔޯގާގެ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ޝައިޚް ފަޒްލޫން ބިން މުހައްމަދާއި، ޝައިޚް އާދަމް ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރޭގެ ވަގުތުގައި ދެ ބޭފުޅުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމައެވެ.

މިދިޔަ މަހުގެ 21 ގައި ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުން ހިންގިތާ އެއް ދުވަސް ފަހުންނެވެ. ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ޝައިޚް ނިޝާންގެ ބަންދަށް 13 ދުވަސް ވަނީ އިތުރުކޮށްފައެވެ. އަދި ޝައިޚް ފަޒްލޫންގެ ބަންދަށް 16 ދުވަސް ވަނީ އިތުރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން، އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފައެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ހިމެނޭގޮތަށް 21 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން އަދިވެސް 20 މީހަކު ބަންދުގައި ބައިތިއްބާފައި ވެއެވެ.