މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އަހަރީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑާއި ރައީސުލްޖުމްހޫރިއްޔާގެ ކުލައާ ގުޅޭގޮތުން މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މި ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އުސޫލުން ބޭރުން ވަކި ބަޔަކަށް އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށް ކަސްޓަމްސްގެ އިސް އޮފިސަރުންތަކެއްގެ ފަރާތުން ވަނީ މަޢުލޫމާތު ލިބިފައެވެ.
ކަސްޓަމްސްގެ މަސައްކަތާ ގުޅޭ 4 ދާއިރާއަކުން ޖުމްލަ 8 މުވައްޒަފަކަށް އެވޯޑް ދިނުމަށް ކޮމިޝަނާ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑުން ނިންމައި އެވޯޑްތައްވެސް ހަދައި ޖަލްސާއަށް ކުޑަތަން ވެފައި ވަނިކޮށް ބޯޑަށް އެންގުމަކާ ނުލައި 1 ޖާގަ އިތުރުކޮށް 9 މުވައްޒަފަކަށް އެވޯޑް ދޭން ނިންމި ނިންމާފައި ވާކަމަށް އެ އޮފިޝަރުން ވަނީ ބުނެފައެވެ.
ހުރިހާ ކަމެއް ނިމުނުފަހުން އުސޫލާ ހިލާފަށް އެވޯޑެއް ހަދަން ޖެހުމުން އެޗްއާރުގެ މުވައްޒަފުންވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށާއި އެވޯޑް ދޭނެ މުވައްޒަފުންގެ ނަންތައް ކަނޑައަޅަން ޖެހެނީ ކޮމިޝަނާ ޖެނެރަލްގެ އެޑްވައިޒަރީ ބޯޑުން ކަމަށް އުސޫލުގައި ބުނެފައި ވީނަމަވެސް، ނަންތައް ފައިނަލް ކުރީ ބޯޑަށް ހުށަނާޅައި "ސިޔާސީގޮތުން ބާރު ގަދަ ބައެއްގެ" ލަފާގެ މަތިން ކަމަށް ވެސް ބުނެއެވެ.
ސީޖީ އެވޯޑް ލިބޭނެކަމަށް އަންގައި ރިހާސަލްވެސް ބާއްވައި ނިމުނު ފަހުން ކަސްޓަމްސްގެ އިސް 2 އޮފިސަރަކަށް އެވޯޑް ނުދޭން ވެސް ވަނީ ނިންމާފައެވެ. އެވޯޑްތަކުގައި ނަންތައް ލިޔެ ފައިނަލް ކުރުމަށް ފަހު އެވޯޑް ލިބޭ މީހުންނަށް އެކަން އަންގައި އެންމެ ފަހުގެ ރިހާސަލް ދަރުބާރުގޭގައި ބާއްވަމުން ދަނިކޮށް އެތަނަށް ކޮމިޝަނާ ޖެނެރަލް އާއި، ޑެޕިއުޓީ ކޮމިޝަނާ ވަޑައިގެން އެ ދެ އޮފިސަރުންނާ ބައްދަލުކުރައްވައި، ކުރިން ދޭން ނިންމި އެވޯޑް ދެވެން ނެތް ކަމަށް ވިދާޅުވިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިރޭ އޮންނަ ޖަލްސާގައި ދޭ އެވޯޑްތަކާ ގުޅިގެން އޮފިސަރުންގެ ކަންބޮޑުވުން އޮތުމުން، "ދަ ޕްރެސް" އިން ކުރި ސުވާލުގެ ޖަވާބުގައި ކޮމިޝަރު އަބްދުﷲ ޝަރީފު ވިދާޅުވީ، އެފަދަ ކަންބޮޑުވުމެއް ނެތް ކަމަށާއި އެވޯޑު ދެނީ އެޑްވައިޒަރީ ބޯޑުގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.
ނޫހަށް މައުލޫމާތު ހިއްސާކުރި އޮފިސަރުން ބުނީ، އެއީ ކޮންވެސް ބައެއްގެ އޯޑަރަށް ވަކި ބަޔަކަށް އެވޯޑް ދިނުމަށް ކުރި ކަމެއް ކަމަށް އެ އޮފިސަރުންނަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ.
މިއަހަރު އަލަށް ތައާރަފް ކުރާ ރައީސުލްޖުމްހޫރިއްޔާގެ ކުލަ ދިނުމުގެ އުސޫލަށްވެސް ބަދަލު ގެނެސް، ކަސްޓަމްސް ހިންގުމުގެ މައިގަނޑު އޮޕަރޭޝަނަލް ޒިންމާތައް އަދާކުރާ ޑައިރެކްޓަރޭޓް ހެޑުންނާއި އެފަދަ އިސްވެރިން އިސްތިސްނާކޮށް ކޮމިޝަނާ ޖެނެރަލްއާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް މި ކުލަ ހޯއްދަވަން ނިންމަވާފައި ވާ ކަމަށާއި، އެކަމާ ކަސްޓަމްސްގެ ހުރިހާ އިސްވެރިން މާޔޫސްވެފައިވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
އަދި މިކަންކަން ގާތުން ބަލަމުންދާ ކަމަށާއި، އަހަރީ ޖަލްސާގައި މިކަންކަން މި މޭރުމުން ގެންގޮސްފިނަމަ، އެއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމުން އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް މައުލޫމާތު ހިއްސާކުރި އޮފިސަރުން ބުންޏެވެ.
މިއަދަކީ ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހެވެ. ރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތް ދޭން ފެށި ތާރީހުގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ޖުލައި 18، 1890 އެވެ. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ ކަސްޓަމްސްގެ އަހަރީ ދުވަސް މިއަހަރުވެސް ފާހަގަކުރާ އިރު މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިރޭގެ ޖަލްސާއަކީ ތާރީހީ ޖަލްސާއެއް ކަމަށާއި ކަސްޓަމްސްގެ ސެރެމޯނިއަލް ޔުނީފޯމުގައި ފުރަތަމަ ފަހަރަށް ކަސްޓަމްސްގެ މުވައްޒަފުން މިރޭ ފެންނާނެ ކަމަށްވެސް ވެއެވެ. އަދި ފުރަތަމަ ފަހަރަށް ކަސްޓަމްސްގައި ދޭ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ އެވޯޑް (ސީޖީ އެވޯޑް) އާއި ރައީސުލްޖުމްހޫރިއްޔާގެ ކުލަ މިރޭ ދޭނެއެވެ.
ޥަރަށް ބޭއިންސާފުން ދޭ އެވޯޑެއް ތީ. ބަޔެއް އަންހެން އޮފިސަރުންނަށް މިރޭ އެވޯޑް އެބަލިބޭ އޭނާ އެދާއިރާ އަކަށް ކުޑަދުވަސް ކޮޅަކު ހިދުމަތް ކޮސްފައި އޮތީމަ. ޥެދާނެ ފަހަރެއްފައި އެއީ ކުރިން ރިޓަޔަރ ކުރި ވެރިޔެއްގެ އަނބަކަށްވީމަ ދިނީކަމަށްވެސް.
ޢެންމެ މުވައްޒަފެއްގެ ވާހަކައެއްނު ތި! މިކަހަލަ ދޮގު ފަތުރަން މަސްދަރު ސިއްރުކުރަން ޖެހެނީ!