އެ ގައުމުގެ ތާރީހު ނުދެކޭ ފަދަ ހީނަރުކަމުގެ ފުން އަނދަވަޅަކަށް ވެއްޓި، ސިޔާސީ މަސްރަހު އެފުށްމިފުށަށް ޖެހި، އިންތިހާ ނުތަނަވަސް ކަމުގައި ސްރީލަންކާ އޮތް އިރު، އެފަދަ ހާލަތަކަށް ދިއުމުގެ ނުރައްކަލުގައި އަދިވެސް އިތުރު ގައުމުތަކެއް ހުރެދާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އިސްވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ދެއްވައިފިއެވެ.
ދަރަނީގެ މިންވަރު މަތި ގައުމުތަކާއި، ސިޔާސަތުތަކަށް ބަލާއިރު ޖާގަ ހަނި ގައުމުތަކަށް އިތުރު ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާ، ސްރީލަންކާއަށް ބަލާލުމުންވެސް އިންޒާރުގެ ވަރުގަދަ ސިގުނަލެއް ލިބޭނެ ކަމަށް އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓަރު ޖޯޖީވާ ވަނީ ވިދާޅުވެފައެވެ.
ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލި އަޅުއްވާލައްވަމުން ޖޯޖީވާ ވިދާޅުވީ، އެ ގައުމުތަކުން ރައުސުލްމާލު ބޭރުވަމުން ދާތާ ވިދިވިދިގެން 4 މަސްދުވަސް ވެއްޖެ ކަމަށާ، އެކަމަކު ސަބަބުން ކުރިއަރާފައި ވާ އިގުތިސޯދުތަކާ އަރާ ހަމަ ކުރުމުގެ ހުވަފެން ފުނޑުފުނޑުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.
ސްރީލަންކާގެ ހާލަތަށް ބަލާއިރު ގައުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި ބޭސްފަރުވާ ފަދަ ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށްވެސް މިއަދު އެ ގައުމު ވަނީ ނުކުޅެދިފައެވެ. 22 މިލިއަނެއްހާ މީހުންގެ ޒަރޫރީ ބޭނުންތައް ފުދޭނެ ފަދަ ތަނަވަސް ކަމެއް މިއަދު އެ ގައުމުގައި ނެތެވެ. އިންފްލޭޝަން ރޭޓް ވަނީ 50 ޕަސެންޓަށް އުފުލިފައެވެ. އަހަރެއްހާ ދުވަސް ކުރިއަރާ އަޅާ ބަލާއިރު، ކާބޯތަކެތީގެ އަގު ވަނީ 80 ޕަސެންޓް ބޮޑުވެފައެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ލަންކާ ފައިސާގެ އަގު، އިންތިހާއަށް ވެއްޓިއްޖެއެވެ.
ތުހުމަތުގެ އިނގިލިތައް އަމާޒުވީ އިސްތިއުފާ ދެއްވި ރައީސް ގޮތަބާޔާ ރާޖަޕަކްސައަށެވެ. އޭނާގެ ގެއްލުންދެނިވި ސިޔާސަތުތަކަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަންވީ ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔަށެވެ.
ސްރީލަންކާގެ ދަރަނި ބޮޑު ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި ބޭރުގެ ފަރާތްތަކަށް ދައްކަން އޮތް ދަރަނި ދެއްކޭ ގޮތް ނުވެ، ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި އޭޝިއާ ޕެސިފިކް ސަރަހައްދުން ޑީފޯލްޓްވި ނުވަތަ ބަނގުރޫޓުވި ފުރަތަމަ ގައުމަށްވެސް ސްރީލަންކާ ވީއެވެ.
ގައުމު ކޮޅަށް ޖެހުމަށް އައިއެމްއެފްގެ އެހީގައި 3 ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ލަންކާއިން ކުރި ކަމުގައި ވީ ނަމަވެސް، ސިޔާސީ ނުތަނަވަސްކަމާއެކު އެ މަސައްކަތް ވެސް އޮތީ ބުރެކި ޖެހިފައެވެ.
މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، ޗައިނާއަކީ ގައުމުތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލޯނު ކޮށްފައިވާ ގައުމެވެ. ނަމަވެސް މި ދަނޑިވަޅުގައި ޗައިނާއިން ދަރަނިތައް ރީސްޓްރަކްޗާ ކުރާނެ ގޮތުގެ މާ ބޮޑު ތަފްސީލުތަކެއް ނުލިބެއެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ އެލަން ކީނަން ވިދާޅުވާ ގޮތުގައި މި ކާރިސާގައި ޗައިނާ ބަދުނާމުވާ އެންމެ ބޮޑު އެއް ސަބަބަކީ، އިގުތިސޯދީ ގޮތުން މާ ބޮޑު މަންފާއެއް ލިއްބައި ނުދޭ، އަގުބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ.
ދުނިޔޭގެ މަސްރަހަށް އަރަމުން ދާ ލޮޅުންތަކާއި، އިންޓްރެސްޓް ރޭޓްތައް އުފުލުމާއި، ފައިސާތަކުގެ އަގު ދަށަށް ދިއުމުގެ އިތުރުން ދަރަނިތައް އިތުރުވުމާ، ބޭރު ފައިސާގެ ރިޒާވްތައް ހީނަރުވުމަކީ ސަރަހައްދުގެ އެހެން އިގުތިސޯދުތަކަށްވެސް ނުކޮށް ނުދާނެ އަސަރުތަކެއް ކަން ގަބޫލު ކުރަން ޖެހެއެވެ.
ޕާކިސްތާން
މެއި 2022 އަށް ފަހު ޕާކިސްތާނުގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ 90 ޕަސެންޓް ބޮޑުވެފައެވެ. ސަރުކާރުން ތެލުގެ ސަބްސިޑީޒް ކަނޑާލުމާ އެކުގައެވެ. އެއީ އައިއެމްއެފްގެ އެހީ ހޯދުމުގެ ނަމުގައި އެޅި ފިޔަވަޅެކެވެ.
ޕާކިސްތާނުގެ އިގުތިސޯދަށްވެސް ވަނީ ތަކުލީފުތަކެއް ކުރިމަތިވެފައެވެ. ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. ޖޫން މަހު އިންފްލޭޝަން ރޭޓް ވަނީ 21.3 ޕަސެންޓަށް އަރާފައެވެ. އެއީ ފާއިތުވީ 13 އަހަރު ދުވަހަށް ބަލާއިރު ރެކޯޑެކެވެ.
ސްރީލަންކާއެކޭ އެއްފަދައިން ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްވެސް ވަނީ ހީނަރުވެފައެވެ. އޯގަސްޓް 2021 އާ އަޅާ ބަލާއިރު ދެބައިކުޅަ އެއްބައި ހީނަރުވެފައެވެ.
އިގުތިސޯދީ މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމަށް ވިދާޅުވި ބޮޑުވަޒީރު އިމްރާން ހާން ވަނީ މަގާމުން ދުރުކުރެވިފައެވެ. ދެން އައި ސަރުކާރުން އާންމުންނަށް އެންގީ، އިމްޕޯޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސައިބޯ މިންވަރު މަދު ކުރުމަށެވެ.
ޗައިނާގެ ދައުރު ހަނދާން ނެތުނީކީ ނޫނެވެ. ޕާކިސްތާނުން ބޭރުގެ ގައުމުތަކަށް ދަރާފައި ވާ ދަރަނީ 4 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައި ހިއްސާ ކުރަނީ ޗައިނާއެވެ. އެވަރުން ފުދުނީއެއް ނޫނެވެ. ވިޔަފާރީ ލޯން ފެސިލިޓީތަކުގެ އާ އެއްބަސްވުންތައްވެސް ދަނީ އެކުލަވާލަމުންނެވެ.
ބަންގްލަދޭޝް
މެއި 2022 ގައި ބަންގްލަދޭޝްގެ އިންފްލޭޝަން ރޭޓްވެސް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. ބަންގްލަދޭޝްގެ އިންފްލޭޝަން ރޭޓް، 7.42 ޕަސެންޓަށް އަރާފައި ވާއިރު، އެއީ ފާއިތުވީ 8 އަހަރު ދުވަހަށް ބަލާއިރު ރެކޯޑެކެވެ.
ބަންގްލަދޭޝްގެ ބޭރު ފައިސާގެ ރިޒާވް ހީނަރުވަމުން ދާއިރު އެ ގައުމުގެ ސަރުކާރުން ވަނީ ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އިމްޕޯޓް ކުރަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ އުފެއްދުންތަކެވެ. ގައުމުން ބޭރުގައި ވަޒީފާ އަދާ ކުރާ މީހުން ވީހާވެސް ގިނައިން ފައިސާ ފޮނުވަން ހިތްވަރު ދިނުމުގެ ގޮތުން، ބައެއް ގަވައިދުތަކަށް ވަނީ ލުއި ދީފައެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ވަނީ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގައި ދެވަނަ ވިސްނުމަކަށް ގޮސްފައެވެ. އަދި ކޮންޒިއުމަރުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާފައެވެ.
ނަމަވެސް ކޮވިޑުން އިނދަޖައްސާލި އިގުތިސޯދަށް އަދިވެސް މުޅިން ހަމަޖެހުމުގެ ނޭވާއެއް ލެވޭ ގޮތް ނުވެއެވެ. ބަންގްލަދޭޝްއަކީވެސް ބޭރު ގައުމުތަކުން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާ ގައުމެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އަރާ ލޮޅުންތަކުގެ ބޮޑު އަސަރެއް، ބަންގްލަދޭޝްއަށް ފޯރައެވެ.
ދިވެހިރާއްޖެވެސް އިސްތިސްނާ ކުރެވޭކަށް ނެތެވެ. ދިވެހިރާއްޖެއަކީވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމެކެވެ. ކޮވިޑް-19އާއި ހަނގުރާމައާއި ހަމަނުޖެހުންތަކުގެ އަސަރު ފޯރާ ގައުމެކެވެ. މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާވެފައިވާ މި ގައުމަކީ، ދުނިޔޭގެ އިގުތިސޯދީ މަސްރަހަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއް، ނުސީދާ ގޮތުން އިމްޕޯޓް ކުރެވޭނެ ގައުމެކެވެ.
ގައުމަކުން އަނެއްގައުމަކަށް ލޯނުދޭނީ ކޮންމެސް މަޝްރޫއެއް ހިންގާށެވެ. އެ މަޝްރޫޢު ހިންގައިގެން ލިބޭ އެއްޗަކުން ލޯނު ނިންމޭނެއެވެ. އެހެންނަމަވެސް މާލީސިޔާސަތު ދޯހަޅި ސަރުކާރުތަކުން އެއްކަލަ ލޯނުނެގި ބޭނުމަށް ޚަރަދުކުރުމުގެ ބަދަލުގައި އިސްރާފުކޮށް ހުސްވެ އެލޯނު ދަރަންޏަކަށް ވީމާ އެއީ ލޯނުދިން ފަރާތުގެ މައްސަލައެއް ނޫނެވެ.