މިއަދުން ފެށިގެން އެސްޓީއޯއިން ކޮތަޅުން އަގު ނަގަން ފަށައިފިއެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ވިޔަފާރު ކުރާ ތަކެތި އަޅާ ކޮތަޅަށް ޗާޖް ކުރާނެ އަގުތައް ހާމަކުރަމުން އެ ކުންފުނިން ބުނީ ޕްލާސްޓިކް ކޮތަޅަކަށް 2.50 ރުފިޔާ ނަގާނެ ކަމަށާއި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާ ނަގާނެ ކަމަށެވެ.

ކޮތަޅުން އަގެއް ނަގަން ނިންމާ އެސްޓީއޯއިން ވަނީ އެކަން މީގެ ހަފްތާއެއް ކުރިން އިއުލާނު ކޮށްފައެވެ.

އެސްޓީއޯއިން ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ކަމަށާއި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ކޮންމެ ކަސްޓަމަރެއް ވެސް ގެންދަން ވާނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ 2020 ވަނަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ޕްލޭންގައިވާ ގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ނިންމާފައެވެ.