ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިގޮތުން ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި ސްޓެލްކޯއާ ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާޑެން ލައިޓްތަކެއް މިހާރު ހަރުކޮށް ދިއްލާލާފައިވާ ކަމަށެވެ. އަދި ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ހަދާ ނިމިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކުޑަގިރީގައި މިހާރު ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ، މި މަސައްކަތް ސްޓެލްކޯއާ ހަވާލު ކުރީ މިދިޔަ މަހުގެ 28 ވީ ދުވަހު ކަމަށާއި އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށްޓަކައި، ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށް ގާތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް އޮންނަނީ މާލެއާ 10.5 ކިލޯމީޓަރު ދުރުމިނުގައެވެ.