މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުން ކުރާނެ 36 ބަހެއް މިހާރު ގެނެސްފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބަސްތައް ކަސްޓަމްސް އިން ކްލިއާކުރުމުގެ މަސައްކަތް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މާލޭގައި ދުއްވަން ގެނައި މިނީ ބަސްތަކަކީ ދިގުމިނުގައި 20 ފޫޓު ހުންނަ، 16 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ބަސްތަކެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭ ހިމެނޭ މިނީ ބަހުގެ ހިދުމަތް ދިނުމަށް، 2019 ވަނަ އަހަރު ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. ނަމަވެސް، ސަރުކާރަށް ހަތަރު އަހަރުވާން ކައިރިވެފައި ވާއިރު، އެ ވައުދު އަދިވެސް ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެކިފަހަރު މަތިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ.

ސީދާ ތާރީހެއް ނުދެއްވި ނަމަވެސް، ހުޅުމާލެ ފޭސް ދޭއްގައި ބޭނުން ކުރާ އާ ބަސްތައް އިފްތިތތާހު ކުރި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިމަހު މާލޭގައި މިނީބަހުގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށެވެ.