އަދާލަތުގެ ޕާޓީގެ ދިފާއުގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓްތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި، ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު ޕާޓީ ކަމަށްވާ އަދާލަތުގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވި ގޮތުގައި؛

  • އަދާލަތު ޕާޓީ އުފެދިގެން އައީ ރާއްޖޭގައި ފަނޑުވަމުންދާ ދީނީ އުސޫލުތައް ނެގެހެއްޓުމަށް
  • އެ ޕާޓީން އެގޮތުގައި ދެމިއޮންނާނެ
  • ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް އެ ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތްކުރި ބައެއް ނެތް
  • ބަޔަކު ނުރުހުނަސް އެ ޕާޓީން ފަހަތަކަށް ނުޖެހޭނެ

އިމްރާންގެ އެ ޓްވީޓްތަކަށް ފާޑުވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުގައި ހަތަރު އަހަރު ވަންދެން އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ހަޖޫޖެހި އިރު، އަދާލަތު ޕާޓީ އޮތީ ހިމޭނުން ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީ މިހާރު މަސައްކަތް ކުރަމުން ދަނީ މަދު ބައެއްގެ މަސްލަހަތު ދިފާއުކޮށް، އެ ބައެއްގެ އަމިއްލަ ފައިދާއަށެވެ.

އިބްރާހީމް އުބައިދުގެ ނަމުގައި އިމްރާންގެ ޓްވީޓަށް ރައްދު ދިން މީހަކު ބުނީ، ރާއްޖެ މިހާތަނަށް ދުށް އެންމެ އަނދިރި ދުވަސްތައް ދެކިފައި ވަނީ އިމްރާނުގެ މިނިސްޓަރުކަމުގައި ކަމަށެވެ.

ހަމަ އެއާއެކު، އިމްރާންގެ ޓްވީޓަށް ރައްދުދިން އެހެން މީހަކު ބުނި ގޮތުގައި، އަދާލަތު ޕާޓީ ވުޖޫދުގައި އޮތަސް ނެތަސް، ރާއްޖެއިން އިސްލާމްދީން ފޮހެވިގެނެއް ނުދާނެއެވެ. ބައެއް ދީނީ އިލްމުވެރިންވެސް އިމްރާނަށް ފާޑު ވިދާޅުވެފައި ވާއިރު، އޭގެ އިތުރުން ވެސް އިމްރާންގެ ޓްވީޓްތަކަށް ރައްދު ދިން ގިނަ މީހުން ވަނީ ގައުމުގައި އެކި ކަންކަން ހިނގައި ދިޔަ އިރު، އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަން އަދި އަދާލަތު ހިމޭނުން އޮތް ކަން ފާހަގަކޮށްފައެވެ.

އަދާލަތު ޕާޓީ އުފެދިގެން އައީ 2005 ވަނަ އަހަރުގައެވެ. އެ ޕާޓީއަށް މި އަހަރު 17 އަހަރު ފުރޭއިރު، އެއީ ރާއްޖޭގައި ތިންވަނައަށް އެންމެ ދުވަސްވީ ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ފިޔަވައި ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް އަދާލަތުގެ ހިއްސާ އޮތް އިރު، އެ ޕާޓީން ދީނީ ބައެއް ކަންކަމުގައި ހަނު އޮންނާތީ، އާންމުންގެ ފަރާތުން އެ ޕާޓީއަށް ދޭތެރެ ދޭތެރެއިން ފާޑުކިއުން އަމާޒުވެއެވެ.