ކ. ދިއްފުށީފައި ޖިންސީ ގޯނާގެ ތުހުމަތު ވީ މީހަކަށް ހަމަލަދީ ހަމަނުޖެހުމެއް ހިންގި ދަނޑިވަޅެއްގައި، އެކަން ހުއްޓުވަން އުޅުނު ފުލުހުންތަކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލެ އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އަށް ބަޔަކު ހަމަލަދެމުން ދިޔަ ކަމަށާއި، އެކަން ހުއްޓުވުމަށް މަސައްކަތްކުރި ބައެއް ފުލުހުންނަށް ހަމަލަދިނުމުން، އެ ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އަށް ދިން ހަމަލަތަކުގެ ސަބަބުން، އޭނާ އަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައާއި، ތުހުމަތުކުރެވޭ މީހާއަށާއި ފުލުހުންނަށް ހަމަލަދިން މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.