18 އަހަރުން ދަށުގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން އިންޑިއާގެ ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަންގާރަ ދުވަހު އިންޑިއާ އަށް ނިސްބަތްވާ 52 އަހަރުގެ ފިރިހިނެއް ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

2020 ވަނަ އަހަރުން ފެށިގެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެމުން ދިޔަ، އިންޑިއާގެ ހިސާބު ޓީޗަރަކު ހޯދަން ވަނީ ދާދިފަހުން ރެޑް ނޯޓިސް ނެރެފައެވެ. އެ ނޯޓިސްގައިވާ ގޮތުން، އޭނާ ފިލާފައިވަނީ ފުލުހުން އޭނާގެ މައްސަލަ ބަލަމުން ދަނިކޮށެވެ.