ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މި މަހުގެ 4 ވަނަ ދުވަހު މައްކާއަށް ވަޑައިގެންފައިވާއިރު އެ ދަތުރުފުޅުގައި ރައީސް ވަނީ މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންނާ މިނާގައި ބައްދަލުކުރައްވާފައެވެ.

މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާ ކަމަށްވާއިރު އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަދި އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލީއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. ދެވަނަ ފްލައިޓް އޮތީ މި މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި ފަހު ފްލައިޓް އޮތީ މި މަހުގެ 27 ވަނަ ދުވަހުގައެވެ.