މިމަހުގެ 4 ވަނަ ދުވަހު ކާރެއް ކޮންޓްރޯލްނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ 3 މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިމަހު ހަތަރު ވަނަ ދުވަހު އިރު އޮއްސި 6 ޖެހި އިރު ބާރު ސްޕީޑްގައި ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް އެހެން ކާރެއްގައި ޖެހި އެނބުރެމުން ގޮސް ބަހެއްގައި ޖެހި ހިނގި ނުރައްކަތެރި އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައި ވެއެވެ. އެއީ ކާރުގައި ތިބި 4 މީހަކާއި ބަހުގައި ތިބި 2 އަންހެނަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިހާދިސާގައި ކާރުގައި އިން އަންހެނަކު ވަނީ މަރުވެފައެވެ. އެއީ ގއ. މާމެންދޫ ބިލަތްމާގެ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދެވެ.

އައިޖީއެމްއެޗުން ބުނީ، އެ އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން ދިޔަ 3 މީހުންގެ ތެރެއިން އެކަކު މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއާއެކު މި ވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއަދު ވޯޑަށް މީހަކު ބަދަލު ކުރި އިރު މި މަހުގެ 9 ވަނަ ދުވަހުވެސް ވަނީ އެ އެކްސިޑެންޓްގައި އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހަކު ވޯޑަށް ބަދަލު ކޮށްފައެވެ. އަދި ވޯޑަށް ބަދަލު ކުރި ދެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް އެ މީހުންނަށް އެ އެކްސިޑެންޓްގައި ލިބުނު ގެއްލުމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މައުލޫމާތު ދީފައެއް ނުވެއެވެ.

މި އެކްސިޑެންޓު ހިނގި މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕަކުން ފާހަގަ ވާ ގޮތުގައި، އެކްސިޑެންޓްވި ރަތް ކާރު ދުއްވާފައި އައީ މޭރީ ބްރައުން ކައިރިން މަގުގެ ވާއަތް ފަރާތުން ހުޅަނގުން އިރަށެވެ. ތުނިކޮށް ވާރޭވެސް ވެހެމުން ދިޔަ ވަގުތުގައި އެ ކާރު އިރަށް ދުއްވަމުން އައި އިރު، މަގުގެ އެފަޅިން އިރުން ހުޅަނގަށް ކަސްރަތަށް ދުވަމުން ދިޔަ 2 މީހަކު ދިޔައެވެ.

އޭރު އިރުން ހުޅަނގަށް މަގުގެ ވާއަތް ފަރާތުން ބައެއް ވެހިކަލްތައް ދުއްވަމުން ދިޔައެވެ. ކާރު އައި ބާރު މިނުގައި މަގުގެ އެ ފަޅުން ދުވަމުން ދިޔަ 2 މީހުން ފެނި، ކާރު ކުޑަކޮށް ކަނާއަތަށް ހިފާލުމުން އެކްސިޑެންޓް ވި ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދުކުލައިގެ ކާރެއްގެ އަރިމަތިން ފަހަތުގައި ޖެހެއެވެ. އެއާ އެކު ރަތް ކާރުގެ ފުރޮޅު ކަހާލައި އެނބުރި 2 ބުރެއް އަޅާ ގޮސް ޖެހެނީ އެމްޓީސީސީން ދުއްވާ ފެރީ ބަހެއްގައެވެ.

ކާރު ފެނިގެން ބަސް މަޑުކޮށްލި ވަގުތު، ކޮންޓްރޯލް ނުވެ ދާ ކާރު ގޮސް ބަހުގެ ކުރީކޮޅުގައި ޖެހި ބަހުގެ ކުރީކޮޅު ފުނޑި ކުރިމަތީ ބިއްލޫރިގަނޑުވެސް ތަޅައިގެން ދާއިރު، މުޅި ބަސްވެސް ގުޑައިގެން ދެއެވެ. ހަމައެއާ އެކު ކާރު ޖެހުނުލެއް ބާރު ކަމުން، ކާރު ވިއްސައިގެން ދާތަން ވެސް ފެނެއެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިން ސީން އަށް ގޮސް ބެލި އިރު ކާރުގެ ކަނާއަތް ފަޅި ފަހަތުން އޮތީ ބިއްލޫރިތަކާއެކު އެއްކޮށް ފުނޑިފައެވެ.މި ހާދިސާގައި ކާރުގައި ތާށިވި މީހުން ނެރުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ފައިޓަރުންގެ އެހީގައެވެ.