ލަންކާގެ ރައީސް ފިލުވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ބުނީ އެ ކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއެކު ކަމަށާއި އެ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވާން ޖެހޭ ކަމަށެވެ.

މީގެއިތުރުން އެ ޖަރީމާ ހިންގާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތް ކަމަށާއި އެ ކަމުގެ ހަގީގަތް ހާމަކޮށްދީ ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓރު އަބްދުﷲ ޝާހިދާއި ރައީސް ސޯލިހު ޖަވާބުދާރީވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ ލަންކާ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެ ގައުމުގެ ރައީސްއަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުނާއި ރައީސް ސޯލިހާއި ރައީސް ނަޝީދާއި މިނިސްޓަރު މާރިޔާ އަދި އަބްދުﷲ ޝަމާލާއި އަބްދުﷲ ޝާހިދު ނަންގަވާ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ގޮވާލާ ކަމަށެވެ.

މި ކަމާ ގުޅިގެން އެމްއެންޕީއިންވެސް ވަނީ ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމުގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.