އަދާލަތު ޕާޓީ އުފެއްދީ އިސްލާމް ދީނުގެ އުސޫލުތައް ނެގެހެއްޓުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި އެގޮތުން އަދާލަތު ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވާނީ ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި އެ މީހުންނަށް އެހީވާ މީހުން ހައްޔަރު ނުކުރާތީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ވަނީ ހައްޔަރުކޮށްފައެވެ.
އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.
އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.