ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލާ ގުޅިގެން ކުރާ ނޭދެވޭ އަސަރު ހުއްޓުވުމަށްޓަކައި އާބާދީ އިތުރު ކުރުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ގޮވާލައްވައިފިއެވެ.

އަމްރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އާބާދީގެ ދުވާހާ ގުޅުވާ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އިއްޔެ އަމްރު ކުރެއްވި ޓްވީޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންގެ ނިސްބަތް މަދުވަމުން އަންނަ ކަން ފާހަގަ ކުރައްވާ އެކަމުން ރާއްޖޭގެ އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެ ގޮތުން މިހާރު އުފަންވާ ކުދިން މަދުވާ ކަމަށް ވާނަމަ ކުރިއަށް އޮތްތަނުގައި ރާޢްޖޭގެ އާބާދީގެ ދޮށީ އުމުރުގެ އަބާދީ އިތުރުވެގެން ދާނެ ކަމަށާއި އެފަދަ ކަމެއް ވިޔަ ނުދީ ހުއްޓުވުމަށް އާބާދީ އިތުރު ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށް އަމްރު ގޮވާލައްވައެވެ.

އަމްރު އެ ވިސްނުމުގައި ޝުއޫރުފާޅު ކުރައްވަނީ، އެސްޓީއޯ އިން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެމުން އަންނާތީ ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް އެ ހަދިޔާ ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައި އޮތް އިރު މިދިޔަ މެއި މަހަުން ފެށިގެން އުފަންވި ކުދިންގެ ރެކޯޑަށް ބައްލަވައެވެ. މިދިޔަ މަހުގެ ތަފާސްހިސާބަށް ބަލާއިރު އުފަންވި ކުދިންގެ އަދަދު 300 އަށް ވުރެ މައްޗަކަށް ނުދެއެވެ. އަމްރު ވިދާޅުވީ، އަދި މި އަދަދުތައް ދެކުނުގެ އަތޮޅުތަކުގައި ވަކިން މަދު ކަމަށެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޖޫން މަހުގައި 241 ކުއްޖަކު އުފަން ވެފައިވާ ވާއިރު، އެންމެ ގިނަ ކުދިން އުފަންވެފައި ވަނީ މާލެ ސަރަހައްދަށެވެ. އެއީ އައިޖީއެމްއެޗުގައި 71 ކުދިން، ޓްރީޓޮޕުގައި 50 ކުދިން އަދި ހުޅުމާލެ ހޮސްޕިޓަލުގައި 50 ކުދިންނެވެ. އެއަށް ފަހު ދެން އެންމެ ގިނަ ކުދިން އުފަންވެފައި ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި 37 ކުއްޖަކު ވަނީ އުފަން ވެފައެވެ.

އަމްރު ކަންބޮޑުވުން ފާޅުކުރެއްވި އިރު އާބާދީ މާ ބޮޑަށްވެސް މަދުވުމަކީ ދުޅަހެޔޮ އިގުތިސޯދަކަށްވެސް އަދި ދުޅަހެޔޮ މުޖުތަމައަކަށްވެސް ހެޔޮ ފާލެއް ނޫނެވެ.