ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި އަދި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ އެ މަގާމުން ފައިބާވަޑައިގަންނަވާ ހިސާބުން އެ ގައުމުގެ ރައީސް ކަމަށް ވާދަ ކުރައްވަން ގަސްތު ކުރައްވާ ކަމަށް، ސްރީލަންކާގެ މައި އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސަ ވިދާޅުވެއްޖެއެވެ.

ޕްރޭމަދާސަ މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، އޭނާގެ ސަމާގީ ޖަނާ ބާލަވެގާޔާ (އެސްޖޭބީ) ޕާޓީއިން ތާއީދު ހޯދުމަށް، އެހެން ޕާޓީތަކާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.

ބީބީސީއާ ވާހަކަދައްކަވަމުން ޕްރޭމަދާސަ ވިދާޅުވީ، އެސްޖޭބީއާއި އެ ޕާޓީއަށް އެއްބާރުލުން ދޭ ޕާޓީތަކާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، ސްރީލަންކާގެ ރިޔާސީ ގޮނޑިކޮޅު ހުސްވެއްޖެ ކަމުގައި ވަނީ ނަމަ، އެ މަގާމަށް އޭނާ ވާދަ ކުރައްވަން ލަފާ ދީފައި ވާ ކަމަށެވެ.

ޕްރޭމަދާސައަކީ 2019 ވަނަ އަހަރު ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކެންޑިޑޭޓެކެވެ. ސްރީލަންކާގެ ރައީސް ކަމުގެ މާގަމު ކަށަވަރު ކުރައްވާ ނަމަ، ސްރީލަންކާގައި މިހާރު ވެރިކަން ކުރަމުން ދާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ ތާއީދުވެސް ޕްރޭމަދާސައަށް ބޭނުންވާނެއެވެ.

މި ފަހަކަށް އައިސް ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ކޮށްފައި ވާ ރާޖަޕަކްސަ އާއިލާގެ މަގުބޫލުކަން އިންތިހާއަށް ގެއްލިފައި ވާ މި ދަނޑިވަޅުގައި، ރައީސް ކަމަށް ވަޑައިގަތުމުގެ ތާއީދު ހޯއްދެވުމަށް ޕްރޭމަދާސަ މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޕްރޭމަދާސަ ވަނީ، ހުރިހާ ޕާޓީއެއްގެ ޝާމިލުވުން އެކުލެވޭ ވަގުތީ ސަރުކާރެއްގައި ބައިވެރިވެވަޑައިގަތުމަށްވެސް ތައްޔާރަށް ހުންނެވިކަން ހާމަ ކުރައްވާފައެވެ.

ބަނގުރޫޓުވެފައިވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ޖުލައި 15 ވަނަ ދުވަހު އަލުން ފަށާ އިރު، ޖުލައި 20 ވަނަ ދުވަހު އިންތިގާލީ ރައީސަކު އައްޔަން ކުރެވުން ގާތް ކަމަށް، މަޖިލީސް ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާ ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އިއުލާން ކުރައްވާފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން