ޖަޕާނުގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ ނާރާގައި ކުރިއަށް ދިޔަ ކެމްޕެއިން ރެލީއެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށް، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އަވަހާރަކޮށްލާފައި ވާ، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝީންޒޯ އަބޭގެ ސެކިއުރިޓީގައި މައްސަލަތަކެއް ހުރި ކަމަށް، ޖަޕާނުގެ ފުލުހުން އިއުތިރާފު ވެއްޖެއެވެ.

ނާރާ ޕޮލީސް ޗީފް، ޓޮމޮއާކީ އޮނިޒޫކާ ވިދާޅުވީ، ދެކޮޅު ހެދެން ނެތް މިންވަރަށް، ސެކިއުރިޓީގައި މައްސަލަތަކެއް ހުރި ކަމަށެވެ.

ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބަށް ކެމްޕެއިން ކުރައްވަނިކޮށް އަބޭ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މުޅި ޖަޕާނަށް ސިހުން ގެނުވާފައި ވީ ނަމަވެސް، މިއަދަށް ތާވަލު ކޮށްފައި ވާ ގޮތަށް އިންތިހާބު ކުރިއަށް ދާ ކަމަށް ހަބަރު ލިބެއެވެ. ވޯޓުލުން ފަށާފައި ވަނީ ޖަޕާން ގަޑިން ހެދުނު 07:00 ގައެވެ.

އެނަލިސްޓުން ލަފާ ކުރާ ގޮތުގައި، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) އަށް، އަބޭ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ލިބޭ ތަރުހީބު އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ހުންނެވިއެއް ކަމަކު، އަވަހާރަކޮށްލި އިރުވެސް އަބޭ އަކީ އޭނާގެ ސިޔާސީ ނުފޫޒާއި ހައިބަތު ވަރުގަދަ ޝަހްސެކެވެ.

އަބޭ އަވަހާރަކޮށްލި ބަޑީގެ ހަމަލާ ދިން ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ޓެޓްސޫޔާ ޔަމަގާމީ ނަމަކަށް ކިއާ މީހެކެވެ. އެމީހަކީ "ވަކި އިދާރާއަކާ" ދެކޮޅަށް ވަރުގަދަ ހަސަދައެއް ލާފައި ވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ތަހުގީގުތަކާ ގާތް މަސްދަރުތަކަކާ ހަވާލާދީ ޖަޕާނުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޔަމަގާމީގެ މަންމައަށް މާލީ ތަކުލީފުތަކެއް ޖެއްސި ދީނީ ގުރޫޕަކާ އަބޭއާ ގުޅުން އޮންނަ ކަމަށް ޔަމަގާމީ ގަބޫލު ކުރެއެވެ.

ފުލުހުންނާ ހަވާލަދީ، ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގޭގައި އަމިއްލައަށް ތައްޔާރު ކުރި ބަޑިއެއް ބޭނުން ކޮށްގެން އަބޭ އަވަހާރަކޮށްލި ކަމަށް ޔަމަގާމީ މިހާރު ވަނީ އިއުތިރާފު ވެފައެވެ.

ޔަމަގާމީއަކީ ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާގައި 3 އަހަރެއްހާ ދުވަހު މަސައްކަތް ކުރި މީހެއް ކަމަށްވެސް ހަބަރު ލިބެއެވެ.

ފެންކަޅިވެފައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސްވެރިޔާ އޮނިޒޫކާ ވިދާޅުވީ، ވީ ގޮތެއް ދެނެގަތުމަށް ފުރިހަމަ ތަހުގީގު ކުރިއަށް ގެންދިއުމަކީ މިހާރުން މިހާރަށް އެންމެ ހާއްސަ ސަމާލުކަމެއް ދެއްވާ ކަންތައް ކަމަށެވެ. ނަމަވެސް ފެއިލްވުންތައް އުޅެނީ ކިހާ ހިސާބަކުން ކަމެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.

ކަން މިހެން އޮތް އިރު ހަމަލާ ދިން ކަމަށް ބުނާ މީހާ މެދު ޖަޕާނުގެ ސަލާމަތީ ކަންކަމާ ބެހޭ އޮފިސަރުން ވަނީ ހިޔާލު ތަފާތުވުމެއްގައެވެ. އަބޭ އަވަހާރަކޮށްލުމުގައި އިތުރު ބައެއްގެ އަތެއް ވޭތޯވެސް ތަހުގީގު ވަނީ ފުޅާ ކޮށްފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވީ އޯގަސްޓް 2020 ގައެވެ. ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވާފައި ވަނީ، ސިއްހީ ހާލުކޮޅު ހުރި ގޮތުން އެފަދަ މުހިންމު ޒިންމާއެއް އަދާކުރެއްވުމަށް ތަން ނުދޭތީ ކަމަށް އޭރު އޮތީ ހަބަރު ލިބިފައެވެ. އެގޮތުން ބަލިހާލަތު ހުރި ގޮތުން، މުހިންމު ނިންމުންތައް ނިންމުމުގައި ގޯހެއް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް އަބޭ ވަނީ އޭރު ވިދާޅުވެފައެވެ.