މިމަހު ފަސް ވަނަ ދުވަހު އިރު އޮއްސި 6 ޖެހި އިރު ބާރު ސްޕީޑްގައި ތާރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް އެހެން ކާރެއްގައި ޖެހި އެނބުރެމުން ގޮސް ބަހެއްގައި ޖެހި ހިނގި ނުރައްކަތެރި އެކްސިޑެންޓުގައި އަނިޔާވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލު ކޮށްފިއެވެ.

މި ހާދީސާގައި ޖުމްލަ 6 މީހަކަށް އަނިޔާ ވިއެވެ. އެއީ ކާރުގައި ތިބި 4 މީހަކާއި ބަހުގައި ތިބި 2 އަންހެނަކަށެވެ. މިހާދިސާގައި ކާރުގައި އިން އަންހެނަކު ވަނީ މަރުވެފައެވެ. އެއީ ގއ. މާމެންދޫ ބިލަތްމާގެ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދު އެވެ.

އަނިޔާވި 4 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން އެކަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަން "ދަ ޕްރެސް" އަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދީފައެވެ.

މި އެކްސިޑެންޓު ހިނގި މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕަކުން ފާހަގަ ވާ ގޮތުގައި، އެކްސިޑެންޓްވި ރަތް ކާރު ދުއްވާފައި އައީ މޭރީ ބްރައުން ކައިރިން މަގުގެ ވާއަތް ފަރާތުން ހުޅަނގުން އިރަށެވެ. ތުނިކޮށް ވާރޭވެސް ވެހެމުން ދިޔަ ވަގުތުގައި އެ ކާރު އިރަށް ދުއްވަމުން އައި އިރު، މަގުގެ އެފަޅިން އިރުން ހުޅަނގަށް ކަސްރަތަށް ދުވަމުން ދިޔަ 2 މީހަކު ދިޔައެވެ.

އޭރު އިރުން ހުޅަނގަށް މަގުގެ ވާއަތް ފަރާތުން ބައެއް ވެހިކަލްތައް ދުއްވަމުން ދިޔައެވެ. ކާރު އައި ބާރު މިނުގައި މަގުގެ އެ ފަޅުން ދުވަމުން ދިޔަ 2 މީހުން ފެނި، ކާރު ކުޑަކޮށް ކަނާއަތަށް ހިފާލުމުން އެކްސިޑެންޓް ވި ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދުކުލައިގެ ކާރެއްގެ އަރިމަތިން ފަހަތުގައި ޖެހެއެވެ. އެއާ އެކު ރަތް ކާރުގެ ފުރޮޅު ކަހާލައި އެނބުރި 2 ބުރެއް އަޅާ ގޮސް ޖެހެނީ އެމްޓީސީސީން ދުއްވާ ފެރީ ބަހެއްގައެވެ.

ކާރު ފެނިގެން ބަސް މަޑުކޮށްލި ވަގުތު، ކޮންޓްރޯލް ނުވެ ދާ ކާރު ގޮސް ބަހުގެ ކުރީކޮޅުގައި ޖެހި ބަހުގެ ކުރީކޮޅު ފުނޑި ކުރިމަތީ ބިއްލޫރިގަނޑުވެސް ތަޅައިގެން ދާއިރު، މުޅި ބަސްވެސް ގުޑައިގެން ދެއެވެ. ހަމަ އެއާއެކު ކާރު ޖެހުނުލެއް ބާރު ކަމުން، ކާރު ވިއްސައިގެން ދާތަންވެސް ފެނެއެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިން ސީން އަށް ގޮސް ބެލި އިރު ކާރުގެ ކަނާއަތް ފަޅި ފަހަތުން އޮތީ ބިއްލޫރިތަކާއެކު އެއްކޮށް ފުނޑިފައެވެ.

މިހާދިސާގައި ކާރުގައި ތާށިވި މީހުން ނެރުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ފައިޓަރުންގެ އެހީގައެވެ.