ހައްޖުގެ މާތް އަޅުކަމާ ވިދިގެން އަޟްހާ އީދު ފާހަގަ ކުރުމަށް ކަނޑައެޅިފައި އޮތުމުން، ހައްޖުގެ އަޅުކަމާ ގުޅިފައިވާ ކަންކަމުން އިބުރަތް ހާސިލްކޮށް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މައްކާގައި ހުންނަވައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، އަޟްހާ އީދަކީ އެތަކެއް ގުރުބާނީ އަކާއި ނަފްސުގެ ގިނަގުނަ ޖިހާދުތަކާ ގުޅިގެން އަންނަ މުނާސަބާއެއް ކަމަށްވާއިރު، އެ މުނާސަބާ ގެނެސްދޭ މުހިންމު ހަނދާނަކީ އިންސާނުންގެ މެދުގައި މާތް ﷲ ލައްވަވާފައިވާ ގުޅުންތައް ކަމަށެވެ.
ހަމަ އެއާއެކު، އީދު ދުވަސް ފާހަގަކުރާއިރު، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، އެކުވެރިކަން މަތީ ދެމިތިބުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަކު އަނެކަކުގެ ހާލު އަހުވާލު އޮޅުންފިލުވައި، އާއިލާ އާއި އެކުވެރި ރަހުމަތްތެރިންނާ އެކު އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ވަގުތުކޮޅެއް ދިނުން މުހިންމު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައީސް ވަނީ ހައްޖުގެ މާތް އަޅުކަމާ ވިދިގެން އީދު ފާހަގަކުރަން ކަނޑައެޅިފައި އޮތުމުން ހައްޖު ދުވަހުގެ ފިކާވަޅުތަކުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށާއި، މިއަދުގެ މުޖުތަމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ކަންކަން މިއަދު އާލާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އީދު ފަދަ އުފާވެރި މުނާސަބާތައް ހަނދާންކޮށްދޭ އެއް ކަމަކީ ކޮންމެ ކަމެއް ހާސިލްކުރުމަށްޓަކައި ވެސް ސަބަބުތަކުގައި ހިފެހެއްޓުމާ އެކު، ﷲ އަށް ވަކީލުކޮށް ދުއާކުރުމުގެ މުހިންމުކަން ކަމަށްވާއިރު، މިފަހަރު އީދު ދުވަސް ފާހަގަކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ހެޔޮ ދުއާކުރުމަކީ ހިތްތަކުގައިވާ ކިލަނބުކަން ފިލުވާލައި، އެއްބައިވަންތަކަމާ އެކު ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.