މާލެ ސަރަހައްދުގައި ނައިޓް މާކެޓެއް ބާއްވަން ސިޓީ ކައުންސިލުން އިއުލާނުކޮށް، އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ކައުންސިލުން ވަނީ މާލޭގައި ނައިޓް މާކެޓް ރާވައި ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 20 ގެ މެންދުރު 2 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހަޅަން އެދިފައެވެ.

ނަމަވެސް، އެ ނައިޓް މާކެޓް ބާއްވަން ހަމަޖައްސާފައިވާ ތާރީހާއި ސަރަހައްދެއް ކައުންސިލުން އަދި ހާމަކޮށްފައެއް ނެތެވެ.

ނިމިދިޔަ ރޯދަ މަހާ ދިމާކޮށް، އަދި ރޯދަ މަހު ވެސް ކައުންސިލުން ނައިޓް މާކެޓު ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ، ނައިޓް މާކެޓް ނުބާއްވައި އޭރު ވަނީ ކެންސަލްކޮށްފައެވެ. އެގޮތުން ކައުންސިލުން ފާހަގަކުރީ އިންތިޒާމްތައް ހަމަޖައްސަން ދަތިވި ކަމާއި ރޯދަ މަހު ބާއްވަން އޮތް ނައިޓް މާކެޓަށް ތަރުހީބު ނުލިބުނު ކަމެވެ.

ކައުންސިލުން އިންތިޒާމްކޮށްގެން އެންމެ ފަހުން ނައިޓް މާކެޓެއް ބޭއްވީ އާ އަހަރާ ދިމާކޮށް މިދިޔަ ޑިސެމްބަރުގައެވެ. އެ ނައިޓް މާކެޓަށް ލިބުނު ތަރުހީބާ ގުޅިގެން މުއްދަތު އިތުރުކުރަމުން ގޮސް ނިންމާލީ ޖެނުއަރީގައެވެ.

ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވާ ނައިޓް މާކެޓުގައި ގިނަ ވިޔަފާރިތަކުން މުދަލާއި ކާބޯތަކެތި ވިއްކަމުންދާއިރު، ނައިޓް މާކެޓަށް އާންމުންގެ ތަރުހީބު އަބަދު ވެސް ބޮޑެވެ.