ވިޔަފާރީގެ ރޮނގުން ސައޫދީ އަރަބިއްޔާ އާއި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިވަގުތު ރައީސާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސައޫދީ އަށް ވަޑައިގެންފައިވާއިރު، އެ ދަތުރުފުޅުގައި ރައީސް ވަނީ ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދު އަލް ގަސާބީ އާ މިއަދު ބައްދަލު ކުރައްވައިފައެވެ.

މިނާ އަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނާ އެކު ވަޑައިގެންނެވި ދިވެހި ވަފްދަށް ސައޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ.

ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައި ފުރާ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.