ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށާއި، އިދިކޮޅު ޕީޕީއެމްގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އިދިކޮޅުން ކުރި ތުހުމަތުތަކަށް ޖުމްހޫރީ ޕާޓީން ރައްދު ދީފިއެވެ.

މިއަދު މެންދުރުފަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޔާމީން ޖަލަށް ލައި ޕީޕީއެމްގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

އެ ތުހުމަތުތަކަށް ރައްދު ދިނުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވުނަސް އެކަމުން ޖުމްހޫރީ ޕާޓީއަށް ފައިދާއެއް ނުވާނެ ކަމަށާއި، ނަމަވެސް ޔާމީން ޖަލަށް ލައިފިނަމަ ފައިދާ ވާނެ ބަޔަކު އިދިކޮޅުގައި އެބަތިބި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީން ޖަލަށް ލުމުގެ ނިޔަތެއް ގާސިމް ދުވަހަކުވެސް ނުގެންގުޅުއްވައެވެ. އަދި ގާސިމް އެއްވެސް މީހަކަށް އަނިޔާއެއް ވެސް ނުދެއްވާނެއެވެ.

އާރިފްގެ ވާހަކައަށް ބާރު ދެއްވައި ގާސިމްގެ އެޑްވައިޒަރުގެ މަގާމް އަދާކުރައްވާ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، ޔާމީން ޖަލަށް ލުމުން ޕީޕީއެމްގެ އިސްވެރިންތަކެއް އެކަމާ އުފާކުރާނެ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގެ ޓިކެޓުގެ އުންމީދުގައި ބަޔަކު އެބަ ތިބި ކަމަށެވެ. އެއީ ކޮން ބައެއް ކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ

"ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށްޓަކާ ޓިކެޓުގެ އުއްމީދުގައި ގާތްގަނޑަކަށް ހައެއްކަ ބޭފުޅުން، ހަތެއް ނުވަތަ އަށް ބޭފުޅުން އެބަ ތިއްބެވި. ރެއާއި ދުވާލު އެ ބޭފުޅުން ދުއާކޮށް ﷲ އަށް ދަންނަވާ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ ރައީސް ޔާމީން ޖަލަށް ލެވޭތޯ." އިލްހާމް ވިދާޅުވިއެވެ.

ހަމަ އެއާއެކު، އިދިކޮޅުން ކޯލިޝަން ނަހަދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އިލްހާމް ވިދާޅުވީ، 2008 އިން ފެށިގެން ކޯލިޝަން ނަހަދައި އެއްވެސް ޕާޓީއަކުން މިހާތަނަށް އިންތިހާބު ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ.

އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ސަރުކާރު ގެނައުމުގައި ބައިވެރިވި އެއްވެސް ސިޔާސީ ޕާޓީއަކާއި އެއްވެސް ސިޔާސީ ލީޑަރަކާ ޕީޕީއެމަކުން ނުގުުޅޭނެއެވެ. އަދި އެ ބައެއްގެ ފަހަތުން ޕީޕީއެމް ނުދާނެ ކަވީ ވެސް އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.