ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީއާއި މުހައްމަދު ސަލީމް އައްޔަންކުރަން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއުކުރުމަށްފަހު އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ކ. މާލެ މ. ގުލްޝަން، ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ޖޭއެސްސީއިން ބޭއްވި އެ ކޮމިޝަންގެ 48 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ޖޭއެސްސީއިން ބުނެއެވެ. 

ޖޭއެސްސީއިން ބުނީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓާބަރީއިން ދީބާނާޒް ހާސިލްކުރައްވާފައިވާ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް 17 އަހަރުގެ ތަޖުރިބާ ހުރި ކަމަށެވެ. އަދި ސެޕްޓެންބަރު 2، 2020 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީ މަގާމުގައި ފުރުއްވަނީ ވެސް ދީބާނާޒެވެ.

މީގެ އިތުރުން ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތެކެވެ.

ޖޭއެސްސީއިން އިތުރަށް ބުނީ އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ މިއަންނަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.