މެއި މަހާ އަޅާ ބަލާއިރު ޖޫން މަހު ޑެންގީ ޖެހުނު އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު މެއި މަހު 185 މީހަކަށް އަދި ޖޫން މަހު 294 މީހަކަށް ޑެންގީ ހުން ޖެހިފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އިތުރު ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާއިރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމާއި ހޮޑުލުމަށް ބަލާއިރު މައި މަހާ އަޅާ ބަލާފަ ޖޫން މަހު ރިޕޯޓުކޮށްފައިވާ އަދަދު ވަނީ މައްޗަށް ގޮސްފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު އަރިދަފުސް ރޯގާ ޖެހިގެން 13361 މީހުން ދެއްކި އިރު، ޖޫން މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 21802 މީހުންނެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ މެއި މަހު 1824 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 2376 ކޭސްއެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދު އިތުރުވާ ކަމަށް ފާހަގަކުރޭ ކަމަށް ބުނެފައެވެ. އަދި ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަކުން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.