މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 400 ޕަސެންޓްއަށްވުރެ އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގީގެ 374 ކޭސް ރިޕޯޓުކުރި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އޭޕްރީލް މަހުގެ މިހާތަނަށް ބަލި ޖެހޭ މިންވަރު ހުރީ ވަރަށް މަތީގައެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ތަފާސްހިސާބުތަކަށް ވަކިވަކި މަސްތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޕޯޓުކުރީ އެންމެ 76 ކޭސް ނަމަވެސް، މިއަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 679 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު 87 ކޭސް ރިޕޯޓުކުރިއިރު މިއަހަރުގެ އެ މަހު 428 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު 76 ކޭސް ރިޕޯޓުކުރި ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 600 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރީލް މަހު 135 ކޭސް ރިޕޯޓުކުރިއިރު، މިއަހަރުގެ މިމަހުގެ މިހާތަނަށް 476 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ޑެންގީ ހުން މިއަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތަކުން 1,813 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭސްއެވެ.
މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކޮށްގެން މަދިރި ހެފުމުން ރައްކާތެރިވުމަށް އެ އިދާރާއިން އިރުޝާދު ދެއްވައެވެ.
