ފާއިތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް ރޯގާގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަމަށާއި ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މި އަހަރުގެ އޭޕްރީލް މަހުގެ ގައިން ގަޔަށް އަރާ ބަލިތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗް މަހާ އަޅާ ބަލާއިރު އޭޕްރީލް މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ބަލިތައް ފެތުރޭ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް މައްޗަށް ގޮސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެގޮތުން މާޗް މަހު އަރިދަފުސް ރޯގާގެ 20،810 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އޭޕްރީލް މަހު މި އަދަދު ވަނީ 24،221 އަށް އިތުރުވެފައެވެ. އެޗްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަރިދަފުސް ރޯގާ އެންމެ ބޮޑަށް އިތުރުވެފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ހއ، ށ، ރ، ޅ އަދި އދ. އަތޮޅުގައެވެ.
ހަމައެއާއެކު އިންފްލުއެންޒާއަށް ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި ނިސްބަތް ވެސް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މާޗް މަހު އިންފްލުއެންޒާއަށް ޓެސްޓުކުރި 105 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ 5 ސާމްޕަލެވެ. ނަމަވެސް އޭޕްރީލް މަހު ޓެސްޓުކުރި 171 ސާމްޕަލްގެ ތެރެއިން 62 ސާމްޕަލް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓުކުރި 1،201 މީހުންގެ ތެރެއިން 171 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:
- ކެއްސައި ކިނބިހިއަޅާ އިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން
- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
- ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން
- ރޯގާ ޖެހިފައިވާނަމަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުން
- ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން ރޯގާ ޖެހިފައިވާ މީހުންނާ ދުރުހެލިވެ އުޅުން
- ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން
- ރޯގާޖެހި ހުން އަންނަތާ ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
- ހޮސްޕިޓަލަށް ޒިޔާރަތްކުރާ އިރު ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުން
ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވި ނަމަވެސް، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުގެ ކޭސްތައް ވަނީ މާޗް މަހާ އަޅާބަލާ އިރު އޭޕްރީލް މަހު ކުޑަތަންކޮޅެއް ދަށްވެފައެވެ. މާޗް މަހު ޑެންގީގެ 643 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އޭޕްރީލް މަހު ރިޕޯޓުކޮށްފައި ވަނީ 601 ކޭހެވެ. ނަމަވެސް މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކުރި 60 ކޭހާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ފ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީ ހުން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު، މާޗް މަހު 3،993 ކޭސް ރިޕޯޓުކޮށްފައިވާ އިރު އޭޕްރީލް މަހު މި އަދަދު ވަނީ 4،454 އަށް އިތުރުވެފައެވެ. ބޭރަށް ހިންގުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ މާލެ ސަރަހައްދާއި، ކ، އއ އަދި ދ. އަތޮޅުގައެވެ.
މީގެ އިތުރުން، ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ. ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، މަދިރި އާލާވާ ގޮތަށް ހުންނަ ފެން ހަރުލާ ތަންތަން ނައްތާލުމަކީ ވެސް މުހިއްމު ކަމެކެވެ. ޑެންގީ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމަށާއި، ހުން މަޑުކުރުމަށް ޕެރަސެޓަމޯލް ބޭނުންކުރުމަށް އެޗްޕީއޭ އިން ލަފާދެއެވެ. ބޭރަށް ހިންގުމުން ރައްކާތެރިވުމަށް، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާކުރުމަށްފަހު ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށް ވަނީ އަންގާފައެވެ.
