މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވާނެ ކަމަށް އެޗްޕީއޭއިން ލަފާކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި ޑެންގީ އަދި ޗިކުންގުންޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ އަޕްކުރުމުގެ އިތުރުން އެޗްޕީއޭއަށް ގަވައިދުން ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލްކުރުމަށް ޓާސްކްފޯހެއް އެކުލަވާލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރި ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު ހަފްތާއަކު 1 ފަހަރު ސުކޫލު ގޯތިތެރެ ބަލާ ފާސްކޮށް މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަމިއްލަ ފަރުދުންވެސް ޑެންގީފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި މި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް، ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.

މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ. ފަތިސްގަޑިއާއި އިރުއޮއްސޭ ވަގުތަކީ މަދިރި ގިނަވާ ވަގުތުތަކަށް ވުމާއެކު، އެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.