ޓެކްސް ބޮޑުކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުދި ވިޔަފާރިތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް، ޓްރެވަލް އޭޖެންޓުންނާ ބެހޭ ޖަމިއްޔާ މަޓާޓޯއިން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭކަން ހާމަ ކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މަޓާޓޯއިން ބުނީ، ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަށް ކުރާނެ އަސަރުތަކަށް ފުރިހަމައަށް ނުބަލާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، އެހެން ޖަޒީރާ މަންޒިލްތަކުގެ ބޯޑަރުތައް ވެސް ހުޅުވާލާފައިވާ ދަނޑިވަޅެއްގައި، ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޓީޖީއެސްޓީ އާ އެކު ރޫމްތަކުގެ އަގުތައް އުފުލުމުން، ފަތުރުވެރިން ރާއްޖެ އިހްތިޔާރު ކުރުމުގެ ފުރުސަތު ކުޑަވުން އެކަށީގެންވެއެވެ.

ޓީޖީއެސްޓީ ބޮޑުކުރުމުން އެކަމުގެ ނޭދެވޭ އަސަރު ސަފާރީ އާއި ގެސްޓްހައުސް ފަދަ ކުދި ވިޔަފާރިތަކަށް ކުރާނެ ކަމަށާއި، އެފަދަ ބަދަލެއް ގެންނައިރު ފަތުރުވެރިކަމުގެ ދާއިރާ އަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން، އެންމެ މަދުވެގެން އަހަރެއްހާ ދުވަސް ބޭނުންވާނެ ކަމަށް، މަޓާޓޯއިން ބުންޏެވެ.

ހަމަ އެއާއެކު، ތެލުގެ އަގުތައް އުފުލި، ދަތުރުތަކަށް ކުރާ ހޭދަ ބޮޑުވެފައިވާ މި ދުވަސްވަރު، ރިސޯޓް ފަދަ ތަންތަނުގެ އަގުތައް އުފުލުމުން ފަތުރުވެރިންގެ މެދުގައި އޮންނަ މަގްބޫލުކަން ދަށަށް ދާނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

ވުމާއެކު، ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިސްކަން ދޭން ޖެހޭ ކަމުގައި ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މަޓާޓޯއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވުމުން، އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.