މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮހުސްވެ އިންޖީނު ހުއްޓުނު "އެރްވީނާ އަލޯހާ "ލޯންޗުގައި ތިބި 28 މީހުން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ އ. ފެރިދޫން ފުރައިގެން 28 މީހުންނާއެކު މާލެ ދަތުރުކުރަމުން ދިޔަ "އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗެއް، ކ. ބޮލިފުށީގެ ހުޅަނގުން 14 ނމ. ބޭރުން ތެޔޮހުސްވެ އިންޖީނު ހުއްޓިފައިވާ ކަމަށެވެ.

މި ލޯންޗުގައި ތިބި 28 މީހުން، ކޯސްޓްގާޑުގެ ދެ އުޅަނދެއްގައި މިއަދު ހެނދުނު 10:16 ހާއިރު ވަނީ މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ލޯންޗުގައި 4 ކުޑަކުދިންނާއި، 7 އަންހެނުންނާއި 17 ފިރިހެނުން ހިމެނޭ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިގޮތުން އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީން ކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އެމްއެންޑީއެފުން ވަނީ އިރުޝާދު ދީފައެވެ. އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.