މީީގެ 10 އަހަރު ކުރިން ވިލިމާލޭގައި ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ވެސް ނިންމައިފިއެވެ.

2011 ވަނަ އަހަރު ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސާލާގައި ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފްގެ އިތުރުން ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމް ކޮށްފައެވެ. އެއީ މިރުޒާގެ ހުރިހާ ވާރިސުން އެގޮތަށް ބޭނުންވުމުންނެވެ.

އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައެވެ. އެ މައްސަލަ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ހައިކޯޓުން ހުކުމް އިއްވި ފަހުން އެއް ވާރިސެއްގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ނަޒީފަށް މާފު ދޭން ބޭނުންވާ ކަން ހާމަކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ނިޔާޒް ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރައްވާފައެވެ.

އަދި މިހާރު ދަށު ކޯޓުން ކުރި މަރަށް މަރު ހިފުމުގެ އަދަބުގެ ބަދަލުގައި ޝިފާއުއަށް ތައުޒީރީ އަދަބެއް ދެވިދާނެކަން ފަނޑިޔާރު ވަނީ ވިދާޅުވަފައެވެ.

މިގޮތުން ނަޒީފްގެ މައްޗަށް 17 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށް އަދި ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ ހުކުމް ކޮށްފައެވެ.