އިއްޔެ އިރު އޮއްސި 6 ޖެހި އިރު ބާރު ސްޕީޑްގައި ތާރު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް އެހެން ކާރެއްގައި ޖެހި އެނބުރެމުން ގޮސް ބަހެއްގައި ޖެހި ހިނގި ނުރައްކަތެރި އެކްސިޑެންޓުގައި އަނިޔާވި 4 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި 3 މީހަކު ވެންޓިލޭޓަރުގައި އޮތް އިރު އެ ހާދީސާގައި ޖުމްލަ 6 މީހަކަށް އަނިޔާ ވިއެވެ. އެއީ ކާރުގައި ތިބި 4 މީހަކާއި ބަހުގައި ތިބި 2 އަންހެނަކަށެވެ. މިހާދިސާގައި ކާރުގައި އިން އަންހެނަކު ވަނީ މަރުވެފައެވެ. އެއީ ގއ. މާމެންދޫ ބިލަތްމާގެ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދު އެވެ.

އިއްޔެގެ އެކްސިޑެންޓު ހިނގި މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕަކުން ފާހަގަ ވާ ގޮތުގައި، އެކްސިޑެންޓްވި ރަތް ކާރު ދުއްވާފައި އައީ މޭރީ ބްރައުން ކައިރިން މަގުގެ ވާއަތް ފަރާތުން ހުޅަނގުން އިރަށެވެ. ތުނިކޮށް ވާރޭވެސް ވެހެމުން ދިޔަ ވަގުތުގައި އެ ކާރު އިރަށް ދުއްވަމުން އައި އިރު، މަގުގެ އެފަޅިން އިރުން ހުޅަނގަށް ކަސްރަތަށް ދުވަމުން ދިޔަ 2 މީހަކު ދިޔައެވެ. އޭރު އިރުން ހުޅަނގަށް މަގުގެ ވާއަތް ފަރާތުން ބައެއް ވެހިކަލްތައް ދުއްވަމުން ދިޔައެވެ. ކާރު އައި ބާރު މިނުގައި މަގުގެ އެ ފަޅުން ދުވަމުން ދިޔަ 2 މީހުން ފެނި، ކާރު ކުޑަކޮށް ކަނާއަތަށް ހިފާލުމުން އެކްސިޑެންތް ވި ބަހުގެ ކުރިން ދުއްވާފައި ދިޔަ ހުދުކުލައިގެ ކާރެއްގެ އަރިމަތިން ފަހަތުގައި ޖެހެއެވެ. އެއާ އެކު ރަތް ކާރުގެ ފުރޮޅު ކަހާލައި އެނބުރި 2 ބުރެއް އަޅާ ގޮސް ޖެހެނީ އެމްޓީސީސީން ދުއްވާ ފެރީ ބަހެއްގައެވެ.

އެކްސިޑެންތް ހިނގި ސަރަހައްދަށް މީހުން އެއްވެފައި

ކާރު ފެނިގެން ބަސް މަޑުކޮށްލި ވަގުތު، ކޮންޓްރޯލް ނުވެ ދާ ކާރު ގޮސް ބަހުގެ ކުރީކޮޅުގައި ޖެހި ބަހުގެ ކުރީކޮޅު ފުނޑި ކުރިމަތީ ބިއްލޫރިގަނޑުވެސް ތަޅައިގެން ދާއިރު، މުޅި ބަސްވެސް ގުޑައިގެން ދެއެވެ. ހަމަ އެއާއެކު ކަރު ޖެހުނުލެއް ބާރު ކަމުން، ކާރު ވިއްސައިގެން ދާތަންވެސް ފެނެއެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިން ސީން އަށް ގޮސް ބެލި އިރު ކާރުގެ ކަނާއަތް ފަޅި އޮތީ ބިއްލޫރިތަކާއެކު އެއްކޮށް ފުނޑިފައެވެ. އޭރު ކާރުގައި 4 މީހަކު ތިއްބެއެވެ. އެއީ 2 އަންހެނަކާއި 2 ފިރިހެނެކެވެ.

މިހާދިސާގައި އަމާނީ މަރުވީ އަނިޔާވި ވީހުން އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މިއަދު 10 ޖެހި އިރު އަމާނީގެ ޖަނާޒާ ބާއްވާފައި ވާއިރު، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ ތެރެއިން 3 މީހަކު ތިބީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެ 4 މީހުންވެސް މިވަގުތު ތިބީ އައިސީޔޫގައެވެ. 6 ވަނަ މީހާ ހޮސްޕިޓަލަކަށް ނުގެންދެއެވެ.

އިއްޔެ ހިނގި މިހާދިސާގައި ކާރުގައި ތާށިވި މީހުން ނެރުނީ އެމްއެންޑީއެފް ފަޔާފައިޓަރުންގެ އެހީގައެވެ.