ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރުމަށް އުފެއްދެވި ރިސާޗް ގްރޫޕުން އެކުލަވާލި ރިޕޯޓު "އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް" ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކޮށްފިއެވެ.

ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމަކަށް މި ދިރާސާގެ މަސައްކަތް ހަވާލު ކުރެއްވީ މިދިޔަ އޮކްތޯބަރު މަހުގެ 31 ގައެވެ. އަދި މި ރިޕޯޓް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މި ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ އެދުރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް:

  • ސްޓާފްރޫމްގެ ހާލަތު ދަށްވުން
  • އިންޓަނެޓްގެ ސްޕީޑް ލަސްވުން
  • ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ނުލިބުން
  • ލެބޯޓްރީތަކާއި ލައިބްރެރީތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ބޭނުން ނުކުރެވުން
  • ވަޒީފާގައި ހޭދަކުރަންޖެހޭ ވަގުތު ބޮޑުތަނުން އިތުރުވުން
  • ކުއްލކުއްލިއަށް ނިންމަން ޖެހޭ މަސައްކަތް ގިނަވުން
  • އާދަޔާ ހިލާފަށް އިތުރު ހަރަކާތް އިތުރުވުން
  • އާ ޕޮލިސީތަކުން ޒިންމާތަކެއް އިތުރުވުން
  • ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސިޔާސަތު ފުރިހަމަ ނުވުން
  • ވަޒީފާ އަދާ ކުރަމުން ކިޔެވަން ދަތިވުން
  • ދުރާލާ ރޭވިގެން ސްކޫލްތަކަށް މުދައްރިއްސުން ތަމްރީން ނުކުރެވުން

މި ދިރާސާގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށް ދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.

މި ދިރާސާއިން، މުދައްރިސުން ތައުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަ ކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ހައްގުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާހައުލުގެ ވަސީލަތްތައް ނެތުން ފަދަ ކަންތައްތައް ފާހަގަވެފައިވަ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކަން ވަނީ އިއުލާން ކޮށްފައެވެ.

ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސަ ސޯލިހް އެކަން އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.