1962 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، ގދ. ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ތިނަދޫ ރައްޔިތުންގެ ތެރެއިން އިތުރަށް ބަޔާން ދެވިދާނެ މީހުން ފާހަގަކުރަމުން ދާ ކަމަށް އޮމްބަޑްސްޕާސަންސްގެ އޮފީހުން ބުނެފިއެވެ.
ތިނަދޫ ރައްޔިތުންގެ ބަޔާޏް ނެގުމުގެ ޕަބްލިކް ހިޔަރިންތައް ކުރިއަށް ގެންގޮސްފައި ވަނީ މި ދިޔަ މާޗް މަހުގެ 19 އިން 22 އަށް ގދ. ތިނަދޫގައެވެ.
އޮމްބަސްޑްޕާސަން އޮފީހުން ބުނީ، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބޭއްވި ޕަބްލިކް ހިއަރިންގެ ފުރަތަމަ ބައިން ނެގުނު ބަޔާންތަކާއި، ހާދިސާއާ ގުޅޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ދިރާސާކޮށް، އިތުރަށް ބަޔާން ދެވިދާނެ ކަމަށް ބެލެވޭ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ،ކަމަށެވެ. އެ މަސައްކަތް ނިމުމުން ޕަބްލިކް ހިއަރިންގެ މާލޭގެ އަޑުއެހުން ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ހަމައެއާއެކު އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށް ވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ އިރު، ދެން ކުރިއަށް އޮތީ އެ މައްސަލަތަކުގެ ތަހުގީގު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކަމަށް ބުނެއެވެ. އަދި، ބައެއް މައްސަލަތަކުގެ ތަހުގީގަށް ފަހު ސުލްހަ ކުރުމުގެ މަރުޙަލާ ވެސް ނިމި، އެ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް އެދުނު ގޮތަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި މިހާރު ކުރިއަށް ދަނީ ސުލްހަ ކުރުމުގެ މަރުހަލާ ނިންމައި ސޮއި ކުރަންޖެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކަމަށް އެ އޮފީހުން ބުނެއެވެ.
މިހާތަނަށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ އިނީޝަލް ބައްދަލުވުން ނިންމާލާފައިވާ ކަމަށް ވެސް އިންތިގާލީ އޮފީހުން ބުނެއެވެ. އޭގެތެރެއިން މިހާތަނަށް އިނީޝަލް ބައްދަލުވުން ބޭއްވިފައި ނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން އާއިލާގެ ދެން ތިބި މީހުންނާއެކު ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް އިންތިގާލީ އޮފީހުން ބުނެއެވެ.
މިހާތަނަށް އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް 53 ވިކްޓިމް ސަޕޯޓް ސެޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެއެވެ. އަދި، ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ރިކަމެންޑޭޝަންތައް ތައްޔާރު ކުރުމުގެ މަސައްކަތާއި، އެކަމާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތް ވެސް ހަލުވިމިނުގައި ކުރިއަށް ދާ ކަމަށް ބުނެއެވެ.
މިހާރު ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް އިންތިގާލީ އޮފީހުން ބުނެއެވެ.