މުދަލާއި ހިދުމަތްތަކުން ނަގާ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާތީ، އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ޖީއެސްޓީ އަކީ އާންމުންނަށް ވިއްކާ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކުހެވެ. އަދި ޓީޖީއެސްޓީ އަކީ ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކުހެވެ.

ޓީޖީއެސްޓީ ބޮޑުކުރުމާ ގުޅޭގޮތުން ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ބައެއް ޖަމިއްޔާތަކާ އެކު މިދިޔަ ހަފްތާގައި މަޝްވަރާކޮށްފައެވެ. އެ ޖަމިއްޔާތަކުން ބައެއް މީޑިއާތަކަށް ބުނީ، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، އެކަށީގެންވާ ވަގުތެއް ނުދީ ސަރުކާރުން ޓެކްސް ބޮޑުކުރަން މަސައްކަތް ކުރާތީވެ، އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުން މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކުރަން މަޝްވަރާކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގައި ވެސް ބައެއް ތަކެއްޗާއި ހިދުމަތްތަކުގެ އަގުތައް ވަނީ ބޮޑުކޮށްފައެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭއިރު، ޓެކްސްތައް ބޮޑުކޮށްފި ނަމަ، މުދަލާއި ހިދުމަތްތަކުގެ އަގުތައް އުފުލިގެން ދާނެއެވެ.