ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މާދަމާ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް މާދަމާގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނީ، ނުރަސްމީ ދަތުރުފުޅެއްގައި ރައީސާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، އެ ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއެވެ.

ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މާދަން ފުރާވަޑައިގަންނަވާއިރު، މި އަހަރުގެ އަމީރުލްހައްޖު، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިހާރު ހުންނެވީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވުމަށްޓަކައި ސައުދީގައެވެ.

މިއީ 2020 ގެ ކޮވިޑަށް ފަހު، ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނަށް އެކަނި ކަމަށްވާއިރު، އެ ކޯޕަރޭޝަންގެ ދަށުން ހައްޖަށް ދަނީ 453 މީހުންނެވެ.