ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، ކަސްޓަމަރުންނާ ދޭތެރޭ ގެންގުޅޭ އެޓިޓިއުޑް ބަދަލުކުރަން ޖެހޭ ކަމަށް ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ކަސްޓަމާ ސާވިސް އެކްސެލެންސް ޓްރެއިނިން ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ހިދުމަތް ދެމުން ދޭތާ އެތައް އަހަރެއް ވެފައިވާއިރު ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާ ކަމަށެެވެ.

މިކުންފުންޏަާ ހަވާލުވި އިރު ހިތައްއެރި އެެއް ކަމަކީ ހަތްދިޔަ އެތައް އަހަރެއްގެ ތާރީހު، އެސަގާފަތް ދޫކޮށްލުން، ތާރީހު އޮންނާނީ ތާރީހުގެ ގޮތުގަ، އެކަމް ސަގާފަތަކީ ކޮންމެ ދުވަސްވަރަކަށް ވެސް ހިދުމަތް ލިބިގަންނަ ބަޔަކު ބޭނުންވާ ގޮތަކަށް ބަދަލުވާން ޖެހޭ އެއްޗެއް،
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް

މިހާރު ރިސްޕްޝަނަށް ހިދުމަތް ހޯދަން އަން މީހާ ހުންނަނީ ކޮޅަށް ކަމަށާއި އަދި ހިދުމަތް ދޭ ފަރާތް އިންނަނީ ގޮނޑީގައި ކަން ފާހަގަކުރައްވާ މި ސަގާފަތް ބަދަލުކޮށް ހިދުމަތް ހޯދަން އަންނަ ފަރާތާއި ހިދުމަތް ދޭފަރާތާ އެއް ލެވެލްއެއްގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކަސްޓަމަރުންނާ ދޭތެރޭ އެޓިޓިއުޑް ބަދަލު ކުރަން ޖެހޭ ކަމަށާއި ކަސްޓަމަރުންނަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކަށް އެއްވެސް ކަހަލަ އަގެއް ނުދާ ކުޑަކުޑަ ކަމެއް، ކަސްޓަމަރަކާ ވާހަކަ ދެއްކުމުގެ ކުރިން ހިނިތުންވެލުން، އޭގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު އެއްޗެއް ކަސްޓަމަރުންނަށް ވިސްނިގެންދާނެ، ދެން އަމިއްލައަށް އިންޓްރޮޑިއުސްވުމަކީ ވެސް މުހިންމު ކަމެއް،
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް

މި ހަފްލާގައި ޖެނެރަލް މެނޭޖާ ހުސައިން ފަރުހާދު ވިދާޅުވީ މި ޓްރޭއިން ސީރީޒަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ޓްރޭނިން ޕްރޮގުރާމެއް ކަމަށެވެ. މިޕްރޮގުރާމުގެ ތެރެއިން ސްޓެލްކޯއިން ކަސްޓަމަރުންނާ ބައްދަލުކުރާ މުވައްޒަފުންގެ ތެރެއިން 239 މުވައްޒަފަކު މި ޓްރޭނިން ލިބިގެންދާނެ ކަމަށް ފަރުހާދު ވިދާޅުވިއެވެ.

ހާއްސަކޮށް އިސްކަމެއް ދީފައިވަނީ ކަސްޓަމަރުންނާ މުހާތަބު ކުރާއިރު ރަނގަޅު ގޮތްތައް މުވައްޒަފުންނަށް އުނގަންނައިދީ، އެމަގަށް މަގުފަހިކޮށްދިނުން ކަމަށް ފަރުހާދު ފާހަގަކުރެއްވިއެވެ. ފަރުހާދު ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ސްޓެލްކޯއަކީ ކަސްޓަމަރުންގެ ހިދުމަތުގައި ކުރިއަރައިގެންދާނެ އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހިދުމަތެއް ލިބޭ ކުންފުންޏަކަށް ހެދުން ކަމަށެވެ.