ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިކަން ކަށަވަރު ކޮށްދެއްވައި، އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކްޓިވިސްޓުން އަންނަނީ ލަތީފްގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. ލަތީފްގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީ އުފެއްދުމުގެ ކުރިން 1989 ވަނަ އަހަރު، ލަތީފް ވަނީ އޭރުގެ މަޖިލީހުގައި އިސްލާހީ މަސައްކަތް ކުރައްވާފައެވެ. އެކަމާ ވިދިގެން އޭނާ ހައްޔަރު ކުރުމުން މެންބަރުކަން ދޫކޮށްލައްވަން ޖެހިވަޑައިގެންފައި ވެސް ވެއެވެ.

އޭގެ ފަހުން ލަތީފް ވަނީ އަވަށްޓެރި ސްރީލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރައްވައި، އެ ޕާޓީ ރަޖިސްޓްރީކުރުމަށް 2001 ވަނަ އަހަރު އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ލަތީފް ވަނީ ސިޔާސީ ހަރަކާތްތަކާ ދުރަށް ވަޑައިގެންފައެވެ.

ލަތީފަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް ވެސް މެއެވެ.