މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވެއްޖެއެވެ.

ހައްޖުގެ އަޅުކަމަށް ރޭ ފުރި 115 ހައްޖާޖީންނާ ރައީސް ސޯލިހް ބައްދަލު ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހައްޖަށް ފުރާ އެ މީހުންނާ ބައްދަލު ކުރައްވާ ރައީސް ވަނީ އެމީހުންގެ ހާލު ބައްލަވައިލައްވާފައެވެ.

ދިވެހި ހައްޖާޖީންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ވަރަށް ގާތުން ބައްލަމުން ގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހައްޖާޖީންނާ ރައީސް ބައްދަލު ކުރެއްވި އިރު އެމަނިކުފާނު އަރިހުގައި، މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރު ހައްޖަށް ދިއުމަށް ތިން ރެއަކަށް ބަހާލައިގެން ހައްޖުވެރިން ވަނީ ފުރާފައެވެ. މިއަދު ފުރި 115 ހައްޖާޖީންނަކީ މިއަހަރު ރާއްޖެއިން ފުރާ ހައްގުވެރިންގެ ފަހު ގްރޫޕެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ