ޓިކެޓް ނަގާއިރު ރީފަންޑުގެ ގޮތުގައި ވަކި ވަރެއް ކަސްޓަމަރުންގެ އަތުން ނަގާ ކަމަށާއި، މި ދުވަސްވަރާ ދިމާކޮށް ގިނަ ކަސްޓަމަރުން ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް، މޯލްޑިވިއަން އިން ބުނެފިއެވެ.

ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ވާއިރު، އެ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތެލުގެ ބާޒާރަށެވެ. ސަރުކާރުގެ ފަރާތުން ތެޔޮ އެތެރެކުރާ އެސްޓީއޯއިން ވެސް ވިއްކަމުން އައި ޕެޓްރޯލާއި ޑީސަލްގެ ލީޓަރަކުން ދެ ރުފިޔާ ބޮޑުކޮށްފައި ވާއިރު، އެކަމުގެ ސަބަބުން އުޅަނދު ފަހަރު ތެލަށް ކުރާ ހަރަދު ވަނީ އިތުރުވެފައެވެ.

ތެލުގެ އަގު އުފުލުމާ ގުޅިގެން އެކަމުގެ ސަބަބުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ވެސް ވަނީ އުފުލިފައެވެ. އެގޮތުން އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ އަގުތައް އުފުލުމުގެ ނަތީޖާއެއްގެ ގޮތުން، ބުކިން ހަދާފައިވާ ގިނަ ކަސްޓަމަރުންތަކެއް ދަނީ ބުކިންތައް ކެންސަލް ކުރަމުންނެވެ.

ކަސްޓަމަރުން ބުނާ ގޮތުގައި، މޯލްޑިވިއަނުން ޓިކެޓުގެ ފުރިހަމަ އަގު ނެގުމަށް ފަހު، ބައެއް ސަރަހައްދުތަކަށް ދަތުރުކުރާ ފްލައިޓްތައް ފުލްވެފައިވާ ކަމަށް އަންގައެވެ. އަދި މޯލްޑިވިއަނުން ޓިކެޓްތަކަށް ރީފަންޑު ދެވޭނީ ކޮންމެ ޓިކެޓަކުން 500ރ. ކަނޑާފައި ކަމަށް ވެސް އެ ކަސްޓަމަރުން ބުންޏެވެ.

މި ނޫހާ މައުލޫމާތު ހިއްސާކުރި މީހަކު ބުނި ގޮތުގައި އެމީހާ ވަނީ 11 މީހުންގެ ޖާގައަކަށް ވެއިޓް ލިސްޓުކުރަން 41،259ރ. ދައްކާފައެވެ. އަދި ވެއިޓް ލިސްޓް ކުރި ތާރީހު ޖެހެން ހަފްތާއަކަށް ވެފައި އޮއްވާ ފްލައިޓް ފުލްވެފައި ވާކަމަށް އައިއޭއެސް އިން ވަނީ އަންގާފައެވެ. އެހެން އެކަން ވުމުން އެފަރާތުން އައިއޭއެސްއާ ކުރި މުއާމަލާތުގެ ޖަވާބުގައި އައިއޭއެސްއިން ބުނެފައި ވަނީ ކޮންމެ ޓިކެޓަކަށް 500ރ ރިފަންޑްގެ ގޮތުގައި ކަނޑާނެ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ފާހަގަ ކުރަން ޖެހޭ ކަމަކީ، ވެއިޓް ލިސްޓް ކޮށްދިނީ ފުލް ޕޭމަންޓް ދެއްކުމުން ކަމަށް ވުމާއި އައިއޭއެސްއިން ބުނި ތާރީހުގައި ފްލައިޓް ފުލްވި ކަމަށް ބުނުމަކީ ފައިސާ ދެއްކި ފަރާތުގެ މައްސަލައެއް ކަމުގައި ނުވާ އިރު ރީފަންޑަށް ބޮލަކަށް 500ރ ގެ މަގުން 5،500ރ ޗާޖް ކުރަން ބުނުން ކަމަށް އެފަރާތުން ބުނެއެވެ.

"ދަ ޕްރެސް" އަށް މިއަދު ދެއްވި މައުލޫމާތުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އަދި މާކެޓިން އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހު ވިދާޅުވީ، މި ދުވަސްވަރާ ދިމާކޮށް ގިނަ ކަސްޓަމަރުން ބުކިންތައް ކެންސަލް ކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި، ޓިކެޓް ނެގި ކަސްޓަމަރުންގެ ތެރެއިން، ރީފަންޑުގެ ގޮތުގައި ކަސްޓަމަރުންގެ އަތުން ވަކި އަދަދެއް ނަގަމުންދާ ކަމަށެވެ.

ރީފަންޑުގެ ގޮތުގައި މޯލްޑިވިއަނުން ކޮންމެ ޓިކެޓަކަށް 500ރ. ނަގައެވެ.

ޓިކެޓް ގަންނަ ފަރާތްތަކަށް ރީފަންޑް ދޭއިރު، މޯލްޑިވިއަނުން 500ރ. ނެގި ނަމަވެސް، ޓިކެޓް ނަގަން ވެއިޓްލިސްޓް ކުރާ އެއްވެސް ކަސްޓަމަރެއްގެ އަތުން ލާރި ނުނަގާ ކަމަށާއި، ނަމަވެސް ޓިކެޓް ހޯދުން އަވަސް ކޮށް، ޕްރިއޯރިޓީ އިތުރު ކުރުމުގެ ގޮތުން ބައެއް ކަސްޓަމަރުން ޓިކެޓަށް ލާރި ދައްކަން ރިކުއެސްޓް ކުރާ ކަމަށް، މުޝްއިލް ވިދާޅުވިއެވެ.

"ވެއިޓްލިސްޓު ކުރާއިރަކު އެއްވެސް ބޭފުޅަކަށް ނުޖެހޭނެ ލާރި ދައްކަވާކަށް އިނގޭތޯ. އަޅުގަނޑުމެން ބައެއް ބޭފުޅުން އެބަ ރިކުއެސްޓްކުރޭ ހަމަ ބޭނުމޭ ލާރި ދައްކަން އޭރުން ތަންކޮޅެއް ޕްރައޯރިޓީ ހައި ވާނެ އެހެން ފްލައިޓެއް އަޔަސް."
އަހްމަދު މުޝްއިލް ސޮބާހު | ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އެގްޒެކެޓިވް, މޯލްޑިވިއަން

މޯލްޑިވިއަނުން ކަސްޓަމަރުންނަށް ޓިކެޓް ދޫކުރަމުން ދާނީ ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބައެއް ކަސްޓަމަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ފްލައިޓަކަށް ޓިކެޓް ހޯދަން ބަލާލާއިރު، އިހްތިޔާރުކުރި ތާރީހުތަކުގައި ފްލައިޓް އެއްކޮށް ބުކްކޮށްފައި ވުމެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މީހަކު އާންމުކޮށްފައިވާ މަންޒަރަކުން ފެންނަ ގޮތުގައި، މޯލްޑިވިއަންގެ ފްލައިޓެއް އޮތީ ހުހަށެވެ

މުޝްއިލް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ގިނަ ކަސްޓަމަރުން ޓިކެޓުތައް ކެންސަލް ކުރަމުން ދެއެވެ. އޭނާ ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްތައް ހުސްކޮށް އޮންނަނީ އެ ސަބަބާ ހެދި ކަމަށެވެ.

"މިދުވަސްކޮޅާ ދިމާކޮށް އަޅުގަނޑުމެންނަށް ވެސް ފާހަގަ ކުރެވޭ ވަރަށް ގިނަ ބޭފުޅުން ފާސްޓް ސްޕީޑްގަ ކެންސަލޭޝަން އެބަ ހަދާ އިނގޭތޯ. އެ ދެން އެގޮތަށް ކެންސަލްކުރަންޏާމު ނުވަތަ ނޯ ޝޯ އަށް ދަންޏާ ވެސް އެގޮތަށް ފްލައިޓްތައް ދައްކާނެ."
އަހްމަދު މުޝްއިލް ސޮބާހު | ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އެގްޒެކެޓިވް, މޯލްޑިވިއަން

އެހެންކަމުން، އިތުރު ފްލައިޓްތައް ބާއްވާއިރު، މޯލްޑިވިއަނުން ދަތުރުތައް ޝެޑިއުލް ކުރަނީ އެ ހުރިހާ ކަމަކަށް ބެލުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.