ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ (21އ.) މަރުވި މައްސަލައިގައި ފުލުހުންގެ ތަހްގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޒަޔާންގެ މަރުގެ މައްސަލައިގެ ތަހްގީގަށް ހުރަސް އަޅައި، ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ:

  • ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވިކަމަށް
  • ފުލުހުންގެ ތަހްގީގަށް ހުރަސް އެޅި ކަމަށް
  • ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމަށް

އޭނާގެ އިތުރުން، އެހެނިހެން ބައެއް ފަރާތްތަކުން ވެސް ފުލުހުންގެ ތަހްގީގަށް ނުފޫޒު ފޯރުވަމުންދާތީ އެކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ފުލުހުން ބުންޏެވެ.

ޒަޔާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހަތް މީހަކާއި ދެ ކުއްޖެއް ހައްޔަރުކޮށްފައެވެ. 37 އަހަރުގެ މީހާގެ އިތުރުން އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 28 އަހަރާ ދެމެދުގެ ހަތް މީހުންނާއި، 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ.

އޭގެ އިތުރުން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު އިތުރު ތިން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކުރި އިރު، އެ ތިން މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެރޭ ފޭދޫގައި ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.