މޫސުން ގޯސްވެ، މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް މިހާރު އުދަ އަރަމުން އެބަ ދެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އިއްޔެ ބުނި ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.

އެ އިދާރާއިން މިއަދު މެންދުރުފަހު 3 އިން އިރުއޮއްސި 6 އަށް މެދުރާއްޖެތެރޭން ދެކުނަށް ނެރުނު ހުދު ސަމާލުގައިވާ ގޮތުން، އެ ސަރަހައްދުގައިވާ ރަށްރަށަށް އުދަ އެރުން އެކަށީގެންވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ހުވަދޫ އަތޮޅުގެ ރަށްތަކަށާއި އައްޑޫގެ އަވަށްތަކަށެވެ. ގދ. ރަތަފަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނިޒާމް އިބްރާހީމް "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި:

  • މެންދުރުފަހު 2 އިން ފެށިގެން އެ ރަށަށް ދަނީ އުދަ އަރަމުން
  • އެ ރަށުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ގޭގެ އަށް ވަނީ ފެން ވަދެފައި
  • އޭގެ ތެރެއިން ބައެއް ގޭގެއަށް ގެއްލުންވެ، ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންވެފައިވޭ

"ގާތްގަނޑަކަށް ލަފާކުރެވޭ 90 ވަރަކަށް ގެއަށް ގެއްލުންވެފަ، އޭގެ ތެރެއިން 40 ގޭގެ އަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް." ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލް ހޯދުމަށްޓަކައި އެކަމުގެ އެސެސްމެންޓެއް ކައުންސިލުން ތައްޔާރު ކުރަމުންދާ ކަމަށެވެ.

ރަތަފަންދޫގެ އިތުރުން، އައްޑުއަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އެ ސިޓީގެ ހުރިހާ އަވަށްތަކަށް އުދަ އަރާފައިވާ ކަމަށާއި އެގޮތުން، އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ މަރަދު އާއި މަރަދޫ ފޭދޫގެ ގެތަކަށް ކަމަށެވެ. މިހާރު ވެސް އަވަށްތަކަށް ވެލި އެރުމާއި ވެލި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތ. ގާދިއްފުށި ކައުންސިލްގެ ރައީސް އަބްދުﷲ ނަސީފް ވިދާޅުވި ގޮތުގައި، އެ ރަށަށް އުދަ އަރަން ފެށީ ހުކުރު ވަގުތުން ފެށިގެންނެވެ. މިހާރު ވެސް ބައެއް ގޭގެ އަށް ފެން ވަންނަމުން ދާއިރު، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ، ރަށްރަށަށް އުދަ އަރަނީ މޫސުމީ ވިއްސާރައާ ގުޅިގެން ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ތޫފާނެއްގެ އަދި ކޮޅިގަނޑެއްގެ އަސަރެއް ވެސް ނެތް ކަމަށެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެއެވެ.

"މިއީ ހަމަ ބޮޑަށް ހަމަ ހުޅަނގު މޫސުމުގެ ވިއްސާރަ ހަމަ ދޭތެރެ ދޭތެރެއިން ހުޅަނގު މޫސުން އަންނާނެ އިނގޭތޯ."
މޫސުމާ ބެހޭ ގައުމީ އިދާރާ

އަދި އެ ސަރަހައްދުތަކަށް ވައި ބާރު ވާނެ ކަމަށް ވެސް، އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ، އުދަ އަރައި، ގެއްލުން ލިބެމުންދާ ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ އިދާރާ އަށް ރިޕޯޓްކުރަމުންދާ ކަމަށާއި، އެ ރަށްރަށުގެ ކައުންސިލްތަކާ އެކު ވާހަކަ ދައްކައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އާއި އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.