ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގައި ބުނެފައިވަނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި، މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، އެންމެ އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ސަމާލު

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި، ހުޅަނގުން، ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަަޑުވާނެ ކަމަށާއި ނަމަވެސް ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓަށް އުފުލޭނެ ކަަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މިއަދު ހަވީރު 18:00 ގެ ނިޔަލަށް ސަމާލު ނެރެފައިވާއިރު، ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދެފައެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުން ލިބިފައި ވެއެވެ.