މާލެގެ ކާނިވާ ސަރަހައްދަށް އުދައަރައި، ލޮނުގަނޑު ފެތުރެމުން އެބަދެއެވެ.

މާލެ ސަރަހައްދަށް މިއަދު ހެނދުނުން ފެށިގެން އުދައަރަމުން އަންނައިރު މާލޭ އަލިމަސް ކާނިވާ ސަރަހައްދަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. މިގޮތުން ލޮނުގަނޑު ބޮޑުވެ، އެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށް ވެސް ލޮނުގެ އަސަރުކޮށްފައި ވާއިރު އެސަރަހައްދުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކަށް ވެސް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.

މީގެ އިތުރުން އެ ދިމާލުން އެރި އުދަ ބޮޑުތަކުރުފާނު މަގަށް ފެތުރި މައި މަގާއި ސަލްމާން މިސްކިތް ސަރަހައްދަށްވެސް ވަނީ ފެތުރިފައެވެ.

https://fb.watch/gBIJWKw6i0/

ކާނިވާ ސަރަހައްދަށް އުދަ އަރާތީ، ކައުންސިލުގެ ޓީމަކުން އެކަން ބަލަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކާނިވާ ސަރަޙައްދަކީ މޫސުން ގޯސް ދުވަސްވަރު، އާއްމުކޮށްވެސް އުދައިގެ އަސަރު ކުރާ ސަރަޙައްދެކެވެ.

މާލެ ސަރަހައްދަށް އުދައަރާފައި ވާއިރު ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވާތީ، އެކަމަށް ސަމާލުވުމަށް މެތް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފައެވެ.

އެ އިދާރާއިން މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށެވެ.

ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.