އުދަ އެރުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީގޮތުން ހިޔާވަހިކަން ދިނުމަށް، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އިއްޔެ އެރި އުދައިގެ ސަބަބުން ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ދެކުނުގެ ރަށްރަށަށެވެ. އެގޮތުން ގދ. މަޑަވެލީގެ 98 ޕަސެންޓު ގޭގެއަށް ލޮނު ވަދެ، އުދައިގެ ސަބަބުން ރަތަފަންދޫގެ 40 ގެއަކަށް ގެއްލުންވެފައިވެއެވެ. އޭގެ އިތުރުން، އައްޑޫ މަރަދޫގެ 50 ގެއަކަށް ލޮނު ވަދެފައިވާއިރު، މަރަދޫފޭދޫ އަވަށުގެ 30 ގެއަކަށް ލޮނު ވަދެ ގެއްލުންވެފައިވާ ކަމަށް، އެންޑީއެމްއޭ އިން ރޭ އާންމުކުރި މައުލޫމާތުގައި ވެއެވެ.

އެ އިދާރާ އިން މިއަދު ބުނީ، ރެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ އަސަރު ކުރިއިރު، ރޭ ދަންވަރާއި މިއަދު ހެނދުނު އުތުރާއި މެދުރާއްޖެތެރެ، އަދި ދެކުނުގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވުމާއެކު، ކަމާބެހޭ އިދާރާތަކާ ގުޅިގެން އާންމުންނަށް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވަގުތީ ހިޔާވަހިކަން ދިނުމުގެ މަސައްކަތާއި، ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އެގޮތުން އެންޑީއެމްއޭ އިން ބުނި ގޮތުގައި:

  • ގދ. މަޑަވެލީގެ ހަތަރު އާއިލާ އަކަށް ވަގުތީ ހިޔާވަހިކަން އެ ރަށު ކައުންސިލުން ދީފައިވޭ
  • އެ ރަށުގެ ގިނަ މީހުން ގެދޮރު ދޫކޮށް އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައިވޭ
  • ތ. ތިމަރަފުށީގެ 30 އާއިލާއެއް ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުވެފައިވާއިރު، އެއް އާއިލާއެއް ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި

މިއަދު ވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ނެރުނު ރީނދޫ ސަމާލުގައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ، އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް، ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.